ހުޅުމާލޭ ޖަލުން ރެންޑަމްކޮށް ކޮވިޑުގެ ސާމަޕަލް ނެގި 30 މީހެއްގެ ނަތީޖާ ނެގެޓިވްވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި، ހުޅުމާލެ ޖަލުން ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ނެގެޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި މޯލްޑްވިސް ކަރެކްޝަނަލް ސާވިސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް ނަގާފައިވާ އިރު، ޑިޓެއިނީސްގެ ގޮތުގައި ތިބި ފަސް ބިދޭސީއަކާއި ދިހަ އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ނަގާފައިވެއެވެ.
ހުޅުމާލެ ޖަލުން ނެގި ސާމްޕަލްތައް ހިމަނައިގެން މިހާތަނަށް ހުރިހާ ޖަލަކުން ގައިދީންނާއި ބަންދު މީހުން އަދި އޮފިސަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 140 ސާމްޕަލް ނަގައިފައިވެއެވެ. އެ ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފައެވެ.