މިސް ވޯލްޑް 2018 މެކްސިކޯގެ ވެނީސާ ޕައުންސް ޑި ލިއޯން އަށް ލިބިއްޖެއެވެ.
ވެނީސާއަށް މިސް ވޯލްޑް 2018 ކަން ލިބުނީ އެކި ގައުމުތަކުގެ 118 ބައިވެރިންނާ ވާދަކޮށްގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވެނީސާއަށް ތާޖު ލިބުނީ އެންމެ ފަހު ބުރުގައި ކުރި ސުވާލަށް އޭނާ ދިން ޖަވާބުންނެވެ. ވެނީސާއަށް ކުރެވުނު ސުވާލަކީ ތާޖު ލިބުމުން އެހެން މީހުންނަށް އިންފުލެންސްއަކަށް ވުމަށް ކުރާނީ ކީއްތޯއެވެ. އެއަށް އޭނާ ދިން ޖަވާބަކީ "މީގެ ކުރީ ތިން އަހަރުވެސް ކަންތައް ކުރި ގޮތަށް ކުރާނީ. މީހުނަށް ނަމޫނާ އަކަށް ވާނަން. އެންމެންނަކީވެސް ދުނިޔެއަށް ރަނގަޅު ބަޔަކަށް ވެވޭނެ. އެންމެންވެސް އަޅާލަން ޖެހޭ، ލޯބި ވާން ޖެހޭ، ހިތްހެޔޮ ވާން ޖެހޭ. މީހަކަށް އެހީވުމަކީ އަގެއް ދައްކަން ޖެހޭ ކަމެއްނޫން އަދި އުނދަގޫ ކަމެއްވެސް ނޫން. އެހެންކަމުން ނުކުންނަންވީ، އުޅޭނެ ކޮންމެވެސް ގޮތަކުން އެހީ ބޭނުން ވާނެ މީހުން، އެހީ ވެވެން އޮތް މިންވަރަކަށް އެހީ ވާންވީ"
ޗައިނާގެ ސަންޔާ ސިޓީގައި ބޭއްވުނު ރަސްމިއްޔާތުގައި ވެނީސާއަށް ވަނީ މިދިޔަ އަހަރުގެ މިސް ވޯލްޑް ކަމުގައިވާ މަނުސް ޗިލާ ތާޖު އަޅުވައިދީފައެވެ.
26 އަހަރުގެ ވެނިސާއަށް މިސް ވޯލްޑް 2018 ކަން ލިބުނު އިރު މިއީ މެކްސިކޯއަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ. ވެނީސާ މޮޑެލިން ދާއިރާއަށް ނުކުތީ 2014 ވަނަ އަހަރުގައެވެ.