ބިއުޓީ

ރެޑް ވެލްވެޓް ހެޔާ - ސީޒަންގެ އެންމެ މަގުބޫލު ކުލަ

ރެޑް ވެލްވެޓް ކަމުނުދަނީ ކާކަށް ބާއެވެ؟ މިއީ ޕާޓީތައް ނުވަތަ ސައިމޭޒުމަތި ފަޅުފިލުވާލުމަށް ނަގާފަ ހުންނަ އެންމެ މަގްބޫލު ކޭކުތަކުގެ ތެރެއިން އެއް ކޭކެވެ. މި ސީޒަނުގައި ރެޑް ވެލްވެޓް ކާންވީ އެކަންޏެއް ނޫނެވެ. ބޮލުގައިވެސް ބޭނުން ކުރަންވީއެވެ.

މިއީ މަޖަލެެއް ނޫނެވެ. ރެޑް ވެލްވެޓް ކޭކުގެ މަގްބޫލު ކަމާއެކު މިވަނީ އޭގެ ބޮލުގައި ޖައްސާ ކުލަ އުފައްދައިފައެވެ. އަދި މި ކުލައަށް ލިބެމުންދާ ތަރުހީބަށް ބަލާއިރު މިއީ ސީޒަނުގެ އެންމެ މަގުބޫލު ހެޔާ ކުލައޭ ވެސް ބުނެވިދާނެއެވެ.

އިންސްޓަގްރާމް މިއަށް ހެކި ވާނެއެވެ. ގިނަ އަންހެން ވެރިން ފެނިގެން ދަނީ މި ރޫބީ ޝޭޑްގެ ރަތް އިސްތަށިގަނޑުގައި ހުއްޓައެވެ. ނުވިތާކަށް މިވަނީ އެއަށް ހޭޝްޓެގް އެއްވެސް އުފައްދާފައެވެ. #ރެޑްވެލްވެޓްހެޔާ ގެ ނަމުން އުފައްދާފައިވާ މި ހޭޝްޓެގް ބަލާލުމުން ކުލައަށް ލިބިފައިވާ މަގްބޫލުކަން ފެނިގެން ދެއެވެ.

ރެޑްވެލްވެޓް ކުލަ އިސްތަށިގަނޑުގައި ޖެއްސުމުގެ ކުރިން ވިސްނާލަންވީ ބައެއް ކަންކަން:

  • ރެޑް ވެލްވެޓް ކޭކަކީ ބައިނަލް އަގުވާމީ ގޮތުން ބަލާލާއިރުވެސް ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ކޭކެއް ނަމަވެސް އިސްތަށުގަނޑުގައި ޖައްސަން ހުންނަ މި ޝޭޑްގެ ކުލަތައް އެއީ އެއްގޮތް ކުލަތަކެއް ނޫން. އެކި ބްރޭންޑުން އުފައްދާފައި ހުންނާނީ އެކި ޝޭޑްތައް.
  • އިސްތަށިގަނޑުގެ ދިގު މިނާ ސްޓައިލް ކޮށްފައިވާ ގޮތުން ކުލަ އެކި މީހުނާ ގުޅޭނީ އެކި ވަރަށް. މިސާލަކަށް އިސްތަށިގަނޑު ފަން ނަމަ ކުލަގަދަކޮށް ބެހެއްޓުން ރަނގަޅުވާނެ، ބޯ ބުޅި ނަމަ ކުލަ އަލިކޮށް ވައިލެޓް ނުވަތަ އޮރެންޖް ޓޯނެއް ކުލަ ޖައްސާއިރު ބޭނުން ކުރުން ރަނގަޅުވާނެ.
  • ކުލަ ޖައްސާއިރު ހަމުގެ ކުލައަށް ބަލަންޖެހޭ. އެހެންކަމުން ހެޔާ ސްޓައިލިސްޓް ގާތުން އެމީހެއްގެ ހަމުގެ ކުލައާ އެންމެ ގުޅޭ ރެޑް ވެލްވެޓް ޓޯނަކީ ކޮބައިތޯ ބަލައޮ އެ ބޭނުން ކުރުން ރަނގަޅުވާނެ.
  • އިސްތަށިގަނޑުގައި ކުލަ ޖެއްސުމަށްފަހު ރަނގަޅަށް އިސްތަށިގަނޑު ބެލެހެއްޓުން މުހިއްމު. ކޮންމެ ފަހެއް ނުވަތަ ހަ ހަފްތާއިން ރޫޓްސް ޓަޗް އަޕެއް ހެދުމާއި، ދޭތެރެ ދޭތެރެއިން ކޮންޑިޝަނިން ހެޔާ ޓްރީޓްމަންޓް ނެގުން މުހިއްމު.