ކޮވިޑް 19އާ ގުޅިގެން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން އެ މުވައްޒަފުންގެ އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، މާލެ ފުރަބަންދުގައި ތިބި މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވުމަށް ފެށި މަސައްކަތުގައި މިހާތަނަށް 467 މުވައްޒަފަކު ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ރިސޯޓު މުވައްޒަފުން މިނިސްޓްރީގައި ނަންނޯޓު ކުރުމަށް ހުޅުވާލި ފުރުސަތުގައި 582 މީހަކު ނަންނޯޓު ކޮށްފައިވާ ކަމަށެވެ.
ނަންނޯޓު ކުރި މީހުންނަކީ ހަގީގަތުގައި ވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންތޯ ކަށަވަރުކުރުމަށް މިނިސްޓްރީން ކުރިއަށްގެންދިޔަ "ވެރިފައި ޕްރޮސެސް" އަށްފަހު އޭގެ ތެރެއިން 80 މީހަކު އުނިކޮށްފައިވާ ކަމަށާއި ސައްހަ ލިސްޓުގައި ހިމެނޭ 502 މުވައްޒަފުންގެ ތެރެއިން މިހާތަނަށް ކަރަންޓީނު ފެސިލިޓީތަކަށް ނުގެންދެވި ވަނީ 35 މުވައްޒަފުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ މިނިސްޓްރީން ބުނީ 26 މުވައްޒަފަކާ އެއްވެސް ގޮތަކަށް ގުޅޭ ގޮތް ނުވުމުން އެ މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އަދިވެސް އެ މުވައްޒަފުންނާ ގުޅުމުގެ މަސައްކަތްކުރަމުން ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑުގެ މި ހާލަތުގައި އެންމެ ބޮޑު ގުރުބާނީއެއްވި އެއް ބަޔަކީ ރިސޯޓު މުވައްޒަފުންކަން ޓޫރިޒަމް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި މި ހާލަތުގައި އެންމެހައި މުވައްޒަފުންނާއި މެނޭޖްމަންޓުތަކުން ދައްކާ މިސާލާއި، ކެތްތެރިކަމާއެކު ސަރުކާރުގެ އިދާރާތަކަށް ދެމުން އަންނަ އެއްބާރުލުމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.