އެސްޓީއޯގެ އޮންލައިން ސްޓޯ ކަމަށްވާ އީސްޓޯ އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ހިދުމަތް އަންނަ މަހު ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ"ގެ ކޮވިޑް 19 ކަވަރޭޖްއަށް އަމްރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު އެސްޓީއޯއިން ފޯކަސް ކުރަނީ ހޯލްސޭލްގެ ހިދުމަތަށް ކަމަށެވެ. އަދި ޖޫން އެކެއްގައި އެސްޓީއޯގެ އީސްޓޯރު އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ހިދުމަތް ފަށާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެސްޓީއޯގެ އޮންލައިން ސްޓޯރު، އީސްޓޯރުގެ ހިދުމަތް މެދުކަނޑާލަން ޖެހުނީ އެ ކުންފުނީގެ ބައެއް މުވައްޒަފުން ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ. މިކަމާ ގުޅިގެން އީސްޓޯރުގެ މަސައްކަތުގައި އުޅުނު ގިނަ މުވައްޒަފުންތަކެއް ކަރަންޓީނު ކުރަން ޖެހުނުކަން އަމްރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ގޭގެއަށް ޑެލިވާ ކުރުމުގެ މަސައްކަތް ހުއްޓާލަން ޖެހުނު ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯގައި ކާޑާއި އެހެނިހެން ތަކެތި ޑެލިވާ ކުރުމުގައި އުޅޭ އެސްޓީއޯގެ 200 އަށްވުރެ ގިނަ މުވައްޒަފުން ކަރަންޓީނު ކުރަން ޖެހުނު ކަމަށާއި މިކަމުގެ ސަބަބުން އެސްޓީއޯއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ކަމަށް އަމްރު ވިދާޅުވިއެވެ. އަދި މި ތަކެތި ޑެލިވާ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މާލެ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަންގެ ސްޓާފުންގެ އެހީތެރިކަމާއެކު ކަމަށް އަމްރު ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުން ގެންނަ ކާޑު، ޕީޕީއީ އަދި އެހެނިހެން ތަކެތި ރާއްޖެ ގެނައުމުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން އިން ބޮޑު ދައުރެއް އަދާ ކުރަމުން އަންނަ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި މި ޝިޕިން ކުންފުނި ފެށުމުން އޭގެ ފައިދާ ފެންނަމުން އަންނަ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.