ޚަބަރު

އިންޑިއާއަކީ މުސްލިމުންނަށް އަނިޔާވެރި ގައުމެއް ނޫންކަމަށް ރާއްޖެއިން ބުނުމަކީ ލަދުގަންނަންޖެހޭ ކަމެއް: އިދިކޮޅު

އަލީ ޔާމިން

އަވަށްޓެރި އިންޑިއާއަކީ މުސްލިމުންނަށް އަނިޔާވެރި ގައުމެއް ނޫން ކަމަށް ރާއްޖެއިން ބުނުމަކީ، އެކަމާ ރާއްޖެ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ބައްދަލުވުމެއްގައި އިންޑިއާއަކީ މުސްލިމުންގެ ސިޔާސަތާއި ދުރު އަދި މުސްލިމުންނަށް އަނިޔާވެރި ގައުމެއްގެ ގޮތުގައި ޕާކިސްތާނުން ބުނުމުން ރާއްޖެއިން ވަނީ އިންޑިއާގެ ދިފާއުގައި ނުކުމެ، އިންޑިއާއަކީ މުސްލިމުންނަށް އަނިޔާވެރި ގައުމެއް ނޫން ކަމަށް ބުނެފައެވެ. އެއާއެކު ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިންގެ ގައުމިއްޔަތާއި، ދިވެހިންވަންތަކަމުގެ އެންމެ މަތިވެތި ބަހާއަކީ އިސްލާމީ އަގީދާ ކަމަށާއި ގައުމިއްޔަތުގެ އެންމެ އިސް ރުކުނަކީ އިސްލާމީ ވަހުދަތު ކަމަށެވެ. އެހެންކަމުން ގައުމު ހިންގަން ހަވާލުވާ އެއްވެސް ސަރުކާރަކަށް މި ހަގީގަތް އޮޅޭ ގޮތަށް ނުވަތަ މިކަން އެތެރެއާއި ބޭރުގައި ވަންހަނާވާނެ ފަދައިން އަމަލުކުރުމުގެ އިހުތިޔާރެއް ނޯންނާނެ ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ލިޔެ، ޝާއިއުކުރެވިފައިވާ އެއްޗަކަށް ވީހިނދު، ގައުމުގެ އިސްލާމީ ވަހުދަތު ނަގާލެވޭނެ ނުވަތަ މުޅި މުސްލިމް އުންމަތް ބަލިކަށިވެދާނެ ފަދަ އެއްވެސް އަމަލެއް ގައުމުގެ ހާރިޖިއްޔާއިން ހިންގުމަަކީ އެ ކޯލިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، މިނިވަން އަދި މުސްތަގިއްލު ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ ހަރަކާތްތެރިވާތާ 60 އަހަރުވެފައިވާ ކަމަށާއި މި މުއްދަތުގެ ތެރޭގައި ރާއްޖެއާ މެދު އެންމެ ގިނަ ބައެއްގެ ހިތްތަކުގައި ލޯތްބާއި އިހުތިރާމު އުފެދިފައިވަނީ، ރާއްޖެއަކީ އަބަދުވެސް އިސްލާމީ އުންމަތަށް ނަސްރު ހޯދައިދިނުމަށް، އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ދިރިއުޅޭ މުސްލިމު އަހުންނާއި އުހުތުންގެ ހައްގުގައި ނުފޫޒެއްނެތި ހައްގުބަސް ބުނާ ބައެއްގެ ގޮތުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ގައުމަކަށްވާތީ ކަމަށެވެ.

ނަމަވެސް އޯއައިސީއަކީ އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބަދަހި ބައިނަލްއަގުވާމީ ޖަމާއަތަށްވީހިނދު، މި ޖަމާއަތުގެ ބައްދަލުވުމެއްގައި ދިވެހި މަންދޫބަކު އެތައް މިލިއަން މުސްލިމުންގެ ހައްގުތަކާ ހިލާފަށް، އެތައް އަހުންނާއި އުހްތުންނާ މެދު ހިނގަމުން އަންނަ ލާއިންސާނީ އަމަލުތައް އޮއްބާލުމަށް ވަކާލާތުކުރުމަކީ ދިވެހި ރައްޔިތުން ލަދުގަންނަވާލުން ކަމަށް އިދިކޮޅުން ބުނެފައިވެއެވެ. އަދި އެއީ ގައުމުގެ ހާރިޖީ ސިޔާސަތު ވެއްޔާއި މޮޑެލުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ބައިނަލްއަގުވާމީ މައިދާނުގައި، ހާއްސަކޮށް އިސްލާމީ އުންމަތުގައި ދެވެމުން އައި ގަދަރާއި އިހުތިރާމު ކުޑަވެގެންދާ ކަމަށް ބުނެފައިވެއެވެެ.

މީގެ އިތުރުން އިދިކޮޅުން ބުނީ، އަވަށްޓެރި ގައުމުތަކާއެކު ހާއްސަ، ބަދަހި ގުޅުންތަކެއް ގާއިމުކޮށް ދެމެހެއްޓުން މުހިންމު ކަމަށެވެ. އެހެން ނަމަވެސް އެފަދަ ގައުމެއްގެ ސަރުކާރުންވެސް މުސްލިމުންނަށް ނިކަމެތިކަން ލިބިދޭގޮތަށް އަދި އަނިޔާވެރިވާ ހިނދެއްގައި، އެކަމާ މެދު ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލާ ދަނޑިވަޅެއްގައި، އެންމެ ގަދަ އެއް އަޑެއްގެ ގޮތުގައި އޮންނަން ޖެހޭނީ ދިވެހިންގެ އަޑު ކަމަށާއި ދިވެހި ސަރުކާރުގެ އަޑުކަމަށް އިދިކޮޅުން ބުނެއެވެ.

އެހެންކަމުން އޯއައިސީގެ ބައްދަލުވުމުގައި ދިވެހިން ލަދުގަންނަ ފަދަ ޖަރީމާ ހިންގި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރައްޔިތުންގެ ކިބައިން މައާފަށް އެދި، މިކަން ހިނގައިދިޔަ ގޮތް ސާފުކޮށްދޭންޖެހޭ ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ އަމަލެއް ހިންގީ ކޮން މަޖުބޫރުކަމެއް ނުވަތަ ނުފޫޒެއް އޮވެގެންތޯވެސް ހާމަކުރަން ޖެހޭ ކަމަށާއި ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލުކުރާ އެންމެހާ ސަފީރުންނާއި، މަންދޫބުންގެ ސުލޫކީ މިންގަނޑެއް ކަނޑައަޅައި، ގައުމުގެ ހާރިޖީ ސިޔާސަތާއި ހިލާފަށް، އަދި ގައުމިއްޔަތުގެ ރުކުންތަކާއި ހިލާފަށް އަމަލު ހިންގާ ފަރާތްތައް ވަގުތުން މަގާމުން ދުރުކުރެވޭނެ ނިޒާމެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ފާހަގަކޮށްފައިވެއެވެ.