ޚަބަރު

ގާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ ދައުރު އިތުރުކުރަން ސަންސެޓް ގާނޫނެއް ހަދަން ހުށަހަޅައިފި

އަންނަ ޖޫންމަހުގެ ތިނަކަށް މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ހަމަވާ އިރު، އެ ފަރާތްތަކުގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބަދަލުގައި އިންތިގާލީ ގާނޫނެއް ފާސްކުރަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ރައްްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ހަސަން ލަތީފު މި ހުށަހެޅުން މަޖިލީހަށް ހުށަހެޅުއްވީ، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބަހުސްގެ ތެރެއިންނެވެ.

އެ ބިލުގައި ނުވަ ކަމެއް ހިމަނަން ހަސަން ލަތީފް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުންތައް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހު ކުރާއިރު، ގައުމު އެ ވަގުތަކު އޮންނަ ހާލަތަކަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާއިރު، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކައި މަޝްވަރާކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މިހާލަތަކީ ރައްޔިތުންނަށް އެ ފުރުސަތު އޮތް ހާލަތެއް ނޫން ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީއަށް ބަދަލު ނުގެނެސް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ގާނޫނަކުން އެކަން ކުރެވިދާނެ ކަމަށާއި އެކަމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ބިލުގައި ހިމަނަން ހަސަން ލަތީފު ހުށަހެޅުއްވި ކަންތައްތައް:

  • އާ ގާނޫނެއް ހަދާއިރު މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން މަގާމުތަކުގައި ދެމިތިބެން ބޭނުންވާ މީހުން ދެނެގަތުން.
  • އިންތިގާލީ މަރުހަލާގައި ކައުންސިލްތަކުން ކޮށްގެން ވާނެ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން ކަނޑައެޅުން.
  • ދައުލަތުގެ ފައިސާ އާއި މުދާ ބޭނުން ކުރެވޭނެ އުސޫލުތަކާއި ހަމަތައް ކަނޑައަޅައި އެކަން ކުރާނެ ގޮތުގެ ގައިޑްލައިނެއް ކަނޑައެޅުން، އަދި ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަންތަނާއި އެއްޗެއްސާ މެދު މި މުއްދަތުގެ ތެރޭގައި އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުން.
  • މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން މަސައްކަތް ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާއެއް އެކުލަވާލައި އެއަށް އަމަލު ކުރަން ލާޒިމުކުރުން.
  • އެކަމެއް ތަންފީޒު ކުރުމުގެ ކުރިން ސަރުކާރުން ހުއްދަ ހޯދަން ޖެހޭ ކަންކަން ބަޔާންކޮށް އެކަންކަން އެގޮތަށް ކުރުން ލާޒިމު ކުރުން.
  • ކައުންސިލްތަކުގެ މަސައްކަތް ވިލަރެސް ކުރާނެ ހާއްސަ އިންތިޒާމެއް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލުން.
  • ކައުންސިލަރުން ގާނޫނާ ހިލާފުވުމުން އަމަލު ކުރެވޭނެ ގޮތާއި އެޅޭނެ ފިޔަވަޅުތައް ބަޔާން ކުރުން.
  • އިންތިހާބު ބޭއްވެންދެން ކައުންސިލްތަކުގައި ތިބޭނީ މިހާރު ވެސް ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކޮށްފައިވާ ފަރާތްތައް ކަމުގައި ވިޔަސް އެ ފަރާތްތައް އިންތިޚާބު ކުރި މުއްދަތު ހަމަވެފައިވާތީ އެ ފަރާތްތަކަކީ ކައުންސިލަރުންގެ ގޮތުގައި ނުބަލައި އެ ފަރާތްތަކަކީ ކައުންސިލަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި ގާނޫނަކުން ކަނޑައެޅުން.
  • ގާނޫނުން ކަނޑައަޅާ ގޮތަށް އަމަލު ކުރާނެ ކައުންސިލަރުން ނެތް ކައުންސިލްތަކަށް ވިލަރެސް ކުރާނެ ބައެއް އެލްޖީއޭއިން ކަނޑައަޅައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުން.

އޭނާ ވިދާޅުވީ އެ ނުވަ ނުކުތާ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ ވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އީދު ބަންދުގައި ކުރިއަށްގެންދާ ޖަލްސާގައި ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވަނީ ޖޫން މަހު ދައުރު ހަމަވާ ކައުންސިލަރުންގެ މައްސަލަ ހައްލުކުރެވެން އޮތީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ. އަނެއްބައި މެންބަރުން ވިދާޅުވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ސަންސެޓް ގާނޫނަކުން އެ މައްސަލަ ހައްލުކުރުން މާ މުހިންމު ކަމަށެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލާގައި ބަހުސް ކުރުމަށް ފުރުސަތަކަށް އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް މާދަމާ ފުރުސަތު އަރުވައި ނިންމައިލެވޭނެ ކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލް ގެންދިއުމަށްފަހު ބުރާސްފަތި ދުވަހު އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހަސަން ލަތީފު މީގެ ކުރިންވެސް މަޖިލީހަށް ގާނޫނެއް ހުށަހެޅިއެވެ. "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020"ގެ ނަމުގައި ހުށަހެޅި މި ބިލް މަޖިލީހަށް ބަަލައިގަނެ، ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިގެން މިހާރު ވަނީ އިސްލާހު ވެސް ކޮށްފައެވެ. ނަަމަވެސް މި ބިލު ކޮމިޓީން ފާސްކުރީ ކައުންސިލަރުންގެ ދައުރު އިތުރުކުރަން ބިލުގައި ހިމަނާފައިވާ ބައި އުނިކުރުމަށްފަހުގައެވެ.

ބިލުން އެބައި އުނިކުރީ، ގާނޫނު އަސާސީއަށް ފަސްވަަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ނުގެނެސް އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވާފައިވާތިއެވެ.