ޚަބަރު

ކޮވިޑާ ގުޅިގެން މިއަހަރުގެ ރޯދަމަހު ރަށްރަށަށް ކާޑުގެ ބާވަތްތައް ގެންދިޔަ މިންވަރު އިތުރުވި: އަމްރު

މަރިޔަމް ޝަހުދާ

ކޮވިޑް 19އާ ގުޅިގެން އެހެން އަހަރުތަކުގެ ރަމްޟާން މަހަށް ވުރެ މިއަހަރުގެ ރަމަޟާން މަހު ރަށްރަށަށް ކާޑުގެ ބާވަތްތައް ގެންދިޔަ މިންވަރު އިތުރުވި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ"ގެ ކޮވިޑް 19 ކަވަރޭޖަށް ދިން އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ އާންމުކޮށް ރަމްޟާން މަހު ރަށްރަށަށް ކާޑު ގެންދާ މިންވަރު އިތުރުވާ ކަމަށާއި މިއަހަރު އެ ދަދަދު އިތުރުވީ ކޮވިޑާ ގުޅިގެން މިހާރު ދިމާވެފައިވާ ހާލަތާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން ފާއިތުވި މަސް ދުވަސް ތެރޭ 70،000 ބަސްތާގެ ކާޑު ފޯރުކޮށްދެވިފައިވާ ކަމަށް އަމްރު ފާހަގަކުރެއްވިއެވެ. އަދި އާންމުކޮށް ބޭނުންވާ ވަރަށްވުރެ އިތުރަށް މިދުވަސްވަރު އެސްޓީއޯ އިން ރާއްޖެއަށް ކާޑުގެ ބާވަތްތައް އިމްޕޯޓު ކޮށްފައިވާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގައި ކާޑުގެ ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯ އިން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ރަށްރަށަށް ދެ މަސް ދުވަސް ނުވަތަ ތިންމަސް ދުވަހުގެ ކާޑު ފޯރުކޮށްދީފައިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ރަށްރަށުގައި ކާޑު އެޖެންޓުން ކަނޑައަޅައި، އެމީހުން މެދުވެރިކޮށް ރަށްރަށަށް ކާޑު ގެންދާ މިންވަރު ޓްރެކް ކުރަމުންގެންދިޔަ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އުނދަގުލަކާ ނުލައި ރައްޔިތުންނަށް ކާޑުގެ ބާވަތް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.