ޚަބަރު

ކޮވިޑުގެ މަސައްކަތްތަކަށް ކުރި ހަރަދު ހަ މިލިއަން ރުފިޔާ މަދުވެއްޖެ

ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފުތާގެ ނިޔަލަށް ކުރި ހަރަދު މަދުވެއްޖެއެވެ.

ކޮރަޕްޝަނަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑާ ގުޅިގެން ކުރާ ހަރަދު ކޮންމެ ހޯމަ ދުވަހަކު އާންމުކުރަން ފަށައިފައެވެ.

އެގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއެކު ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި ސަރުކާރުން ކުރި ހަރަދު ވަނީ އޭރު ކުރީ ހަފުތާއަށްވުރެ 6.4 މިލިއަން މަދުވެފައެވެ.

އެގޮތުން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް 873.3 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ދައްކާއިރު މިދިޔަ ހަފުތާގެ ނިޔަލަށް އެ ހަރަދު ވަނީ 866.9 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ކޮވިޑުގެ މަސައްކަތްތަކަށް ކުރި ހަރަދު މަދުވީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މެޑިކަލް އިކުއިޕްމަންޓް ގަތުމަށް ކުރި އޯޑަރެއް ކެންސަލް ކުރުމުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކްޓިވް މުހަައްމަދު ޝަނޫން "ވަން" އަށް ވިދާޅުވީ، ޕާޗޭސް އޯޑާސް (ޕީއޯ) ހަދާ ހިސާބުން އެ ޕީއޯގައި ހިމެނޭ އަދަދު ހަރަދުވި މިންވަރުގައި ހިމަނާނެ ކަމަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި ކުރި ހަރަދު މަދުވީ އެންޑީއެމްއޭ އިން ކުރި އޯޑަރެއް ލިބުން ލަސްވެގެން އެ އޯޑަރުގެ ޕީއޯ ކެންސަލް ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އެންޑީއެމްއޭ އިން 581.1 މިލިއަން ރުފިޔާ ހަރަދުކުރިއެވެ. ނަމަވެސް އޯޑަރު ކެންސަލް ކުރުމުން ހަރަދުވި މިންވަރު ވަނީ 567.7 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ. އެއީ 13.4 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް ކެންސަލް ކުރި އޯޑަރު ހަވާލުކުރީ ކޮން ފަރާތަކާ ކަމެއް ނޭނގެއެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް ކޮވިޑުގެ މަސައްކަތްތަކަށް ކުރި ހަރަދު މަދުވި ނަމަވެސް، މިދިޔަ ހަފުތާގެ ނިޔަލަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އެންޑީއެމްއޭ އާއި ހެލްތު މިނިސްޓްރީންނެވެ.

އެގޮތުން ހެލްތު މިނިސްޓްރީން މިދިޔަ ހަފްތާގެ ނިޔަލަށް އިތުރު 3.5 މިލިއަން ރުފިޔާއަށް ހަރަދުކޮށްފައިވެއެވެ. އަދި އެމްއެންޑީއެފުން އިތުރަށް ފަސް ލައްކަ ރުފިޔާ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އިތުރަށް 1.4 މިލިއަން ރުފިޔާ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެއް މިލިއަން ރުފިޔާ މިދިޔަ ހަފުތާގައި އިތުރަށް ހަރަދުކޮށްފައިވެއެވެ.

މިދިޔަ ހަފުތާގެ ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުންނާއި ޖެންޑާ މިނިސްޓްރީން ކުރި ހަރަދު ވަނީ މަދުވެފައެވެ. އެގޮތުން ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ކުރި ހަރަދު ތިން ލައްކަ މަދުވެފައިވާއިރު ޖެންޑާ މިނިސްޓްރީން ކުރި ހަރަދު ދެ ލައްކަ ވަނީ މަދުވެފައެވެ.

ޕްލޭނިން މިނިސްޓްރީންނާއި ފޮރިން މިނިސްޓްރީންނާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންނާއި ނެޝަނަލް ޑުރަގް އެޖެންސީގެ އިތުރުން ޒަކާތު ފަންޑުންނާއި ޑިޒާސްޓާ މެނޭޖަމަންޓް ފަންޑުން މިދިޔަ ހަފުތާގެ ނިޔަލަށް އިތުރު އެއްވެސް ހަރަދެއް ކޮށްފައެއް ނުވެއެވެ.