މުހައްމަދު އައުޒަމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަންނަ ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.
ރައީސް ޔާމީން އަންނަ ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވިކަން އިތުބާރު ހުރި ފަރާތަކުން ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދީފައެވެ.
ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00ގައެވެ. ނަމަވެސް ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަނީ ކޮން މައްސަލައެއްގައި ކަމެއް ނޭނގެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ އިއްޔެއާއި މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. ފުލުސް އޮފީހަށް ޒަމީރު ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައިގައެވެ.