ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ތާއީދު ކުރަން ޕީޕީއެމް/ޕީއެންސީން ނިންމާފައި ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކޯލިޝަނުން ކުރަމުން އަންނަ މަސައްކަތަކީ މި ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަކޮށްދިނުން ކަމަށެވެ. އަދ ރައީސް ޔާމިީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުން ކަމަށެވެ. އަދުރޭ ވިދާޅުވީ އެއީ ގައުމާއި ރައްޔިތުންގެ ހައްގުގައި އެކޯލިޝަނުގެ ފަރާތުން ކުރާ މަސައްކަތެއް ކަމަށެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށިވެ އެންމެ ފަހުން ބައިބައި ވެއްޖެ ކަމަށާއި، ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރު ގެއްލިއްޖެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ވާހަކަޔަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވުމާއި ގުޅިގެން ކުރެއްވި ޓްުވީޓެއްގައެވެ. އެ ޓުވީޓުގައި މެންބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ބައިބައިވެފައިވުމުގެ ސަބަބުން މިހާލަތުގައި ދެން އޮތީ ދެ ގޮތެއް ކަމަށާއި އެއީ ދައުރު މެދުތެރެއިން އިންތިހާބެއް ބޭއްވުން ނުވަތަ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލުކުރުން ކަމަށެވެ.