ޚަބަރު

ލޮކްޑައުން ނިމުމުން ހުކުރު މިސްކިތުގައި ނަމާދު ކުރެވޭ ގޮތް ހަދަނީ

މުހައްމަދު އައުޒަމް

ލޮކްޑައުން ނިމުމުން ހުކުރު މިސްކިތުގައި ނަމާދު ކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.

ވަން އަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ ހުކުރު މިސްކިތް މަރާމާތު ކުރުމަށް އިންޑިއާ ސަރުކާރުގެ އެހީއާއެކު ކުރުމަށް ރާވާފައިވާ މަސައްކަތް ކޮވިޑް19ގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި ލޮކްޑައުން ނިމުމާއެކު ހުކުރު މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެެވެ.

ތޯރިގު ވިދާޅުވީ ލޮކްޑައުން އަށްފަހު މިނިސްޓްރީން ހުކުރު މިސްކިތް ހުޅުވާލެވޭ ވަރަށް މަރާމާތުކޮށް ނަމާދު ކުރުމަށް މިސްކިތް ހުޅުވާލި ނަމަވެސް އިންޑިއާގެ ޓީމުން މަރާމާތުގެ މަސައްކަތް ފެށޭވަރު ވުމުން އެމަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ކޮންމެހެން ކުރާން ޖެހޭ މަރާމާތަކަށް ބަންދުކުރުން ފިޔަވައި، މިސްކިތުގައި ނަމާދު ނުކުރެވޭ ގޮތަށް ހުކުރު މިސްކިތް ބަންދުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުކުރު މިސްކިތް ބަންދުކުރީ މިސްކިތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ އަލުން މަރާމާތު ކުރުމަށެވެ. އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް މުޅި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް ނިންމާފައިވީ ނަމަވެސް ކޮވިޑްގެ ސަބަބުން އެމަސައްކަތް ވަނީ ހުއްޓިފައެވެ.