ޚަބަރު

ސްކޫލްތައް ހުޅުވަން ޑަބްލިއުއެޗްއޯއިން އެހީތެރިވެދޭނެ: އެޑިއުކޭޝަން މިނިސްޓްރީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން މިދިޔަ މާޗް މަހުން ފެށިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ސްކޫލްތައް ހުޅުވަން ޑަބްލިއުއެޗްއޯއިން އެހީތެރިވެދޭން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރުއާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އަލުން ސްކޫލްތައް ހުޅުވޭއިރު ދޭން ޖެހޭ އެހީތެރިކަން ދެއްވާނެ ކަމަށް ޑރ. އަރުވިންދު ވިދާޅުވެފައިވާ ކަމަށެވެ. އެ ގޮތުން "ސެނިޓައިޒް" ކުރުމަށް ބޭނުންވާ ތަކެއްޗާއި އެކަމަށް މީހުން ތަމްރީންކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން އެއްބަސްވެފައިވާ ކަމަށެެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ބުނީ ސްކޫލްތައް ފަށަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި އެކަން ކުރާނީ ސްކޫލްތައް ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު ކަމަށެވެ. އަދި ސްކޫލްތައް އަލުން ހުޅުވާއިރު ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ހުރިތޯ ބަލާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސްކޫލްތައް ހުޅުވޭއިރު އާންމުކޮށް ދަރިވަރުން އަތްލައި ހަދާނެ ތަންތަން ޑިސްއިންފެކްޓްކޮށް އެކަންކަން ކުރާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މާލެ ލޮކްޑައުން ކުރި ފަހުން މިދިޔަ އޭޕްރީލް މަހު 15 ގައި ޓެލެކްލާސްތައް މެދުކަނޑައިލުމަށްފަހު އަލުން ޓެލެކްލާސްތައް ފެށީވެސް އިއްޔެ އެވެ.