ޚަބަރު

ބަންގްލަދޭޝްގެ އިތުރު 200 މީހަކު ރާއްޖެއިން ފުރުވާލައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އިތުރު 200 މީހަކު އަނބުރާ ގައުމަށް ފުރުވާލައިފިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި 200 މީހުން ބަންގްލަދޭޝްގެ ޑާކާއަށް ފުރުވާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ކަމަށެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ މި 200 މީހުންގެ ތެރޭ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުން އައި 111 މީހަކުވެސް ހިމެނޭ ކަމަށެވެ. އަދި ބާކީ 89 މީހުންނަކީ އަމިއްލައަށް އަނބުރާ ގައުމަށް ދާން ބޭނުންވެގެން ދިޔަ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށް މިއުވާނު ވިދާޅުވިއެވެ.

މިއުވާނު ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓުގައި ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ކުރާ މަސައްކަތަކީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނާއި ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ.