ޚަބަރު

މޮނީޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސްވީ ރަށްރަށުގައި ކުޅިވަރުކުޅުމަށް ހުއްދަ ދިނުމުގެ ބާރު ކައުންސިލްތަކަށް ދީފި

އައިދާ އަބްދުލް ހަކީމް

ކޮވިޑާއި ގުޅިގެން، މޮނީޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސްވެފައިވާ ރަށްރަށުގައި ކުޅިވަރުކުޅުމަށް ހުއްދަ ދިނުމުގެ ބާރު ކައުންސިލްތަކަށް ދީފިއެވެ.

ޔޫތު މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ދުނިޔެއާއި ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުންނާއި ގިނަ އަދަދެއްގެ ޒުވާނުން ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އެހެންކަމުން އެމިނިސްޓްރީން މިކަމުގައި ގޮތެއް ނިންމުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ލަފާ ހޯދާފައިވާ ކަމަށެވެ.

އެގޮތުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި އެޗްޕީއޭއިން ރަށު ކައުންސިލްތަކުން އެރަށެއްގެ ކުޅިވަރު ކުޅުން މަނާ ކުރި އުސޫލުގެ ދަށުން ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމާއި މެދު އިއުތިރާޒެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ، ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތެއް ހިންގުމަށް ހިތްވަރު ނުދޭނެ ކަމަށާއި ގައިދުރުކުރުމަށް އިސްކަންދޭން ހިތްވަރުދޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި އެޗްޕީއޭ އިން ބުނެފައިވާ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

މިގޮތަށް މިހާރު ހުއްދަ ދިން ކަމުގައިވީ ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް އަލުން ތަންތަން ބަންދުކުރަން ޖެހިދާނެ ކަމަށް ސިއްހީ އިދާރާތަކުން ބުނެފައިވާ ކަމަށްވެސް ޔޫތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.