މަދުރަސާތައް ބަންދުކޮށްގެން ތިބީ ތައްޔާރުވާން ކަމަށާއި އެހެންކަމުން މިހާރު ނަގައިދޭ ކުލާސްތަކުގައި ދަރިވަރުންނަށް ކޮވިޑުން ސަލާމަތް ވާނެ ގޮތްތައް ކިޔައިދިނުން މުހިންމު ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ވިދާޅުވީ ކޮވިޑުން ރައްކާތެރި ވާނެ ގޮތް ކުދިންގެ ކަށީގައި ހިފާވަރަށް ގޭތެރޭގައި ފަރިތަކުރުވަން ޖެހޭ ކަމަށާއި އަދި މަދުރަސާގެ އިންތިޒާމްތައް ވެސް ލިސްޓު ހަދައިގެން ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.
ބަލި ފަސޭހައިން ޖެހި އޭގެ ނުރައްކާ ބޮޑުވެދާނެ ކުދިންގެ ލިސްޓެއް ސުކޫލްތަކުން ހަދަން ޖެހޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެގޮތުން ތެލަސީމިއާ، ނޭވާ ހިއްލުން، ހަކުރުބަލި، އުފަންވިއިރު ހިތުގެ ބަލިތައް ހުންނަ ކުދިން ފާހަގަކޮށް އެކުދިންނަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެ ކަމަށާއި ކޮވިޑުން ރައްކާތެރިވާނެ ގޮތް އެކުދީންނަށް ވަކިން ބޮޑަށް ކިޔައިދޭން ޖެހޭ ކަމަށާއި ބަލިވެއްޖެއްޔާ ހަދާނެ ގޮތްތަކެއް ވިލަރެސްކުރަންވެސް ޖެހޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ މަދުރަސާތައް ހުޅުވެންވާއިރަށް ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ ވަރަށް ފޮތި މާސްކު ހޯދަންވާނެ ކަމަށާއި މާސްކް އަޅައިގެން އުޅޭނެ ގޮތާއި އަޅާނެ ގޮތާއި، ބާލާނެ ގޮތުގެ އިތުރުން މޫނުގައި އަތް ނުހާކަން ކުދީންނަށް ފަރިތަކޮށްދޭން ޖެހޭ ކަމަށެވެ. އަދި މަދުރަސާތައް ހުޅުވަންވާއިރަށް އެތަންތަން ސާފުކުރެވޭ ވަރަށް މީހުންނާއި ތަކެތި ހޯދުން މުހިންމު ކަމަށާއި، ކުދީންނަށް އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން މުހިންމު ކަން ފާހަގަ ކުރައްވައި ޑރ. ފައިސަލް ވަނީ ސެނިޓައިޒާ ވެސް، އެހާވަރަށް ލިބޭނެތޯ ސުވާލު ކުރައްވައިފައެވެ.