ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރެއިން ޚާރިޖީ ދާއިރާއާ ގުޅޭ ވައުދުތައް ފުރިހަމަކުރެވިފައިވާކަން ފޮރިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ފުރިހަމަކުރަން ނިންމި ޚާރިޖީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނެނީ ދެ ވައުދެކެވެ. އެ ދެ ވައުދަކީ ކޮމަންވެލްތުގައި ދިވެހިރާއްޖެ އަލުން ބައިވެރިވުމަށް ހުށަހެޅުމާއި އ.ދ.ގެ ބައެއް ވަރކިންގ ގްރޫޕްތަކުގައާއި އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގައިވާ ރާއްޖޭގެ މައްސަލަތައް ހުރި ހިސާބެއް ބަލައި މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއެޅުމެވެ.
ފޮރިން މިނިސްޓްރީން ބުނީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއި ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެއްގޮތަށް 07 ޑިސެމްބަރު 2018 ގައި ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ފޮނުވާފައިވާ ކަމަށެވެ.
އޭގެ އިތުރުން އ.ދ.ގެ ވަރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގައި ބަލަމުންދިޔަ ރާއްޖޭގެ މައްސަލަތަކުގެ އެންމެފަހުގެ މައުލޫމާތު މިހާރު އެފަރާތާ ހިއްސާކުރެވިފައިވާ ކަމަށާއި ވަރކިން ގްރޫޕުން ބަލަމުންދިޔަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް ޝަރުއީ މަރުހަލާގެ ތެރެއިން މިހާރު މިނިވަންވެފައިވާކަން ފާހަގަކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި އެ ހައްގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަމުގައި ވީ ހިނދު، ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ދިވެހި ޚާރިޖިއްޔާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.