ޚަބަރު

ނައިފަރު ކައުންސިލްގެ ރައީސަށް 30 ދުވަހުގެ ނޯޓިސް ދީފި

އައިދާ އަބްދުލް ހަކީމް

ނައިފަރު ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާ ކަމަށް ބުނެ ކައުންސިލްގެ ރައީސް މުހައްމަދު ކަރީމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު އަބްދުއްﷲ ވިދާޅުވީ މަގާމުގައި ހުންނަވައިގެން ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފަށް ކަންކަން ކުރަމުންދާތީ އެލްޖީއޭއިން ވެސް ކައުންސިލްގެ ރައީސަށް ނަސޭހަތްތެރިވެ މީގެ ކުރިން ލިޔުން ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އުފައްދަން އަންގާފައިވާ ރަށު އެމަޖަންސީ އޮޕަރޭޓިން ސެންޓަރާއި (އީއޯސީ)، އެ ސެންޓަރަށް ލަފާދޭ ކޮމިޓީއާއި، ޓާސްކްފޯސް އުފެއްދުމެއް ނެތި، ކައުންސިލްގެ ރައީސަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމާ ގުޅިގެން ނައިފަރު ރައްޔިތުންގެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔައި އެކަމުގެ ޝަކުވާ ކައުސިލަށް ތަކުރާރުކޮށް ލިބިފައިވާ ކަމަށެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ކައުންސިލްގެ ރައީސް މުހައްމަދު ކަރީމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފައިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީން 29 ޖޫން 2016 ގައި އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ރަށެއްގެ ކައުންސިލަރެއް ނުވަތަ ނައިބު ރައީސެއްގެ، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އުސޫލުގައި ވާ ގޮތުގެ މަތިން ކަމަށެވެ.

އަދި ކޮވިޑާ ގުޅިގެން ނައިފަރުގައި ކުރެވެމުން ދިޔަ މަސައްކަތްތަކުގައި ނައިފަރުގެ މަދަނީ ޖަމިއްޔާތައް ބައިވެރިކުރުމަށް ކައުންސިލްގެ ރައީސް އިންކާރު ކުރައްވާފައިވާ ކަމަށާއި މި މައްސަލާގައި މަދަނީ ޖަމިއްޔާތަކުން ވެސް ދިޔައީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް ކައުންސިލުން ބުނެއެވެ.

ނައިބު ރައީސް ވިދާޅުވީ މިކަމާ ގުޅިގެން މަޝްވަރާކުރުމަށް ކައުންސިލްގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ކައުންސިލްގެ މެންބަރުން އެދިވަޑައިގަތުމުން އެފަދަ ބައްދަލުވުމެއް ވެސް ބާއްވައިދީފައި ނުވާ ކަމަށާއި، މި މައްސަލާގައި މަޝްވަރާ ކުރުމަށް ކައުންސިލްގެ ޖަލްސާއެއް ބާއްވައިދިނުމަށް ކައުންސިލްގެ މެންބަރުން އެދިވަޑައިގަތުމުން އެކަމަށްވެސް ކައުންސިލްގެ ރައީސް ދެކޮޅު ހައްދަވާފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލިބެމުން ދިޔަ ޝަކުވާތަކާ ގުޅިގެން ނައިފަރު ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ އެންގުމާ އެއްގޮތަށް ރަށު އީއޯސީ އާއި، ލަފާދޭ ކޮމިޓީ އަދި ރަށު ޓާސްކްފޯސް ރައީސް ހިމެނޭހެން އެކުލަވާލާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް ކައުންސިލުން ބާއްވާ ބައްދަލުވުންތަކަށް ދައުވަތު ދިން ނަމަވެސް ކައުންސިލްގެ ރައީސް އެ ބައްދަލުވުންތަކާއި ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި ކައުންސިލްގެ އެކިއެކި ލިޔެކިޔުންތަކުގައި ސޮއިކުރުމަށްވެސް ނައިފަރު ކައުންސިލްގެ ރައީސް ގެންދަވަނީ ދެކޮޅު ހައްދަވަމުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ނައިފަރު ކައުންސިލްގައި 5 މެންބަރުން ތިބޭއިރު ރައީސަށް ނޯޓިސް ދޭން ފާސްކުރީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ އާއި ކައުންސިލް މެންބަރު އަބްދުﷲ ސާމިރާއި ކައުންސިލް މެންބަރު ވިދާދު އަބްﷲ އެވެ.