ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްވެރިކަމު އާ ގާނޫނުގައި ކަނޑައަޅައިފައިވާ ގަވައިދުތައް އެކުލަވައިލުމަށްވުރެ މިވަގުތު މުހިއްމީ ޔޫރަޕިއަން ޔޫނިއަން، އީޔޫގެ ރިކޮމެންޑޭޝަންގައިވާ ކަންކަން ނިންމުން ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ"ގެ ކޮވިޑް 19 ކަވަރޭޖަށް މިނިސްޓަރު ޒަހާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އީޔޫ އިން ވަނީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މަސްވެރިކަމުގައި ހުރި އަދި ރާއްޖޭގެ މަސްވެރިކަމުގައި ކުރެވޭ ބައެއް ކަހަލަ ގާނޫނާއި ގަވައިދާ ހިލާފު ކަންކަމާއި ގުޅިގެން ގިނަ ރިކޮމެންޑޭޝަން ތަކެއް ދީފައި ކަމަށެވެ. އަދި މިނިސްޓްރީއަށް މުހިއްމު ވީ މި ރިކޮމަންޑޭޝަންތަކުގެ މަސައްކަތްތައް ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ މި ރިކޮމަންޑޭޝަންތަކުގެ މަސައްކަތް ނުނިންމައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެތެރޭގެ ގަވައިދުތައް ނިންމުމަށްވުރެ އަވަހަށް އީޔޫގެ ރިކޮމެންޑޭޝަންތަކުގެ ކަންކަން ނިންމުން މުހިއްމު ކަމަށާއި މިއީ މަސް އެކްސްޕޯޓު ނުކުރެވޭނެ ނަމަ އޭގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރާނެ އަސަރުން ގައުމު ސަލާމަތް ކުރުމަށް ނިންމި ނިންމުމެއް ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
މީގެ އިތުރުން ދެން ސަރުކާރު ހުޅުވޭއިރު މަސްވެރިކަމުގެ ހުރިހާ ގަވައިދުތަކެއް ހުންނާނީ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވިފައި ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ. މިނިސްޓްރީގެ މުވައްޒަފުން ގަވައިދުތައް ނިންމުމުގެ މަސައްކަތް ގޭގައި ތިބެގެންވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން މިމަހު ކުރީކޮޅު ވަނީ މިނިސްޓަރު ޒަހާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތައް އަދާކުރައްވާފައި ނުވާ ކަމަށްވެސް ފާސް ކޮށްފައެވެ. މަޖިލީހުގެ ގަވައިދު ކޮމިޓީގެ މި ނިންމުމަކީ މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ އާ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ގިނަ ގަވާއިދުތަކެއް ފިޝަރީޒް މިނިސްޓްރީން ނިންމާފައި ނުވާ މައްސަލަ ބެލުމަށްފަހު އެ ކޮމިޓީން ނިންމި ނިންމުމެކެވެ.
އެގޮތުން މި މައްސަލަ ބެލުމަށް ފަހު، ގަވާއިދު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި މަސްވެރިކަމުގެ ގާނޫނުގައި އެކުލަވާލަން ބަޔާން ކުރާ ގަވާއިދުތައް މިނިސްޓްރީން ހަދާފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ބުނެފައި ވެއެވެ. ކޮމިޓީން މި މައްސަލަ ދިރާސާ ކުރިއިރު ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުންނާ ސުވާލު ކޮށްފައި ވެއެވެ.