އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) ފެއާ އަންނަ އަހަރު ވެސް ބާއްވަން ނިންމައި، އެ ފެއާ ލޯންޗުކޮށްފިއެވެ.
އައިއެމްޓީއެމް ފެއާ ލޯންޗު ކޮށްފައިވަނީ މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު ފަރުކޮޅުފުށީގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެ ފެއާއަކީ ރާއްޖެގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ހޮޓެލްތަކާއި ގެސްޓް ހައުސްތަކާއި ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުންގެ ބައިވެރިވުމާއެކު ކުރިއަށްދާ ފެއާއެކެވެ.
އަންނަ އަހަރު ވެގެންދާނީ އެ ފެއާ ބާއްވާ ދެވަނަ އަހަރަށެވެ. މިއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހާއި 24 ވަނަ ދުވަހު ބޭއްވި ފުރަތަމަ އައިއެމްޓީއެމް ފެއާއަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. އަންނަ އަހަރުގެ ފެއާއަށް މިއަހަރަށް ވުރެ ތަރުހީބު ބޮޑުވެގެންދާނެ ކަމަށް އައިޓީއެމް އިން ބުނެއެވެ.