އެޗްޕީއޭއިން ކަނޑައަޅާފައިވާ އިންތިޒާމުތަކާ އެއްގޮތަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން މަޖިލިސް ތަޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އަޅަންޖެހޭ ފިޔަޅުތަކުގެ ތަފްސީލުވެސް އެ ސިޓީގައި ވަނީ ހިމަނަައިފައެވެ.
އެގޮތުން، ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުމާއި، ކޮވިޑް 19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުމާއި، މާލަމަށް ވަނުމާއި ނުކުތުމުގައި، އެކަކު އަނެކަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ގާއިމުކުރުމާއި، ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް، ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން (މޭޒުމަތި، ތަޅުން، ކީބޯޑު، މައުސް ފަދަ ތަކެތި) ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ކޮވިޑް 19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް ކެއްސައި، ކިނބިހި އަޅާއިރު، ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.