މިންހާ ފާއިޒް ރަޝާދު
މެލޭރިއާއަށް ދޭ ބޭހެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) ބޭސް ކޮވިޑް19 އަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެތޯ ބެލުމަށް ހަދަން ފަށާފައިވާ ތަހުލީލުތައް ރައްކާތެރިނުވާތީ ހުއްޓާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މި ބޭސް ތަހުލީލުކުރަމުންދާއިރު ޑަބްލިއުއެޗްއޯއިން އެކަން ވަގުތީ ގޮތުން ހުއްޓުވީ އިއްޔެއެވެ. މިކަން މިގޮތަށް ކުރީ ވަރަށް ފަހުން ހެދި ދިރާސާއެއްގައި އެޗްސީކިއު އަކީ ފުރާނައަށް ނުރައްކާވާ ބޭހެއްކަމަށް ހާމަވެފައިވާތީއެވެ. ބޭހުގެ ސަބަބުން ހިތުގެ މައްސަލަތައް ކުރިމަތިވާނެކަމުގެ އިންޒާރު މީގެ ކުރިންވެސް ސިއްހީ މާހިރުން ވަނީ ދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޗްސީކިއު ބޭސް ބޭނުން ކުރައްވާތާ ދެހަފްތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެމަނިކުފާނު ބޭސް ބޭނުން ކުރައްވަނީ ކޮވިޑުން ރައްކާތެރިވެވަޑައިގަތުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސިއްހީ މާހިރުންގެ ބަހާ ދެކޮޅަށް މި ބޭސް ރައީސް ޓްރަމަޕް ޕްރޮމޯޓު ވެސް ކުރައްވައެވެ.
މިދިޔަ ހަފުތާގައި މެޑިކަލް ޖޯނަލްގައި ޝާއިއު ކުރި ދިރާސާއެއްގައި ބުނެފައިވަނީ އެޗްސީކިއު އިން ލިބޭ ފަރުވާއެއް ނެތް ކަމަށާއި އޭގެ ސަބަބުން މީހުން މަރުވާ ނިސްބަތް އިތުރުވެގެން ހިނގައިދާނެ ކަމެވެ. އެ ދިރާސާގައި ކޮވިޑަށް ޕޮޒިޓިވް 96000 މީހުން ވަނީ ހިމަނައިފައެވެ. އޭގެ ތެރެއިން 15000 މީހަކަށް އެޗްސީކިއު ދީފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ބޭސް ބޭނުން ކުރި މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމާއި ހިތުގެ މައްސަލަތަކެއް ފެންމަތިވެގެންދިޔައެވެ.
ޑަބްލިއުއެޗްއޯއިން ގެންދަނީ ގިނަ ބޭސްތަކެއް ކޮވިޑް19 އަށް ފަރުވާގެ ގޮތުގައި ބޭނުން ކުރެވޭތޯ ޓެސްޓުތައް ކުރަމުންނެވެ.