ތައިލެންޑުގައި މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ދިވެހި މީހާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.
އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި މަރުވެފައިވަނީ ސ. ހުޅުދޫ އަހުމަދު ސައީދެވެ. އެކަން އޭނާގެ އާއިލާގެ ފަރާތުން ވަނީ "ވަން"އަށް ކަށަވަރުކޮށްދީފައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އަހުމަދު ސައީދާއި އިތުރު ދެމީހަކު އެއާޕޯޓުން އެނބުރި ހޮޓަލަށް ދިޔަ މަގުމަތީގައި އެމީހުން ތިބި ކާރުގެ ޑްރައިވަރަށް ނިދިޖެހިގެން ކާރު ފުރޮޅާލައިގެންނެވެ. މި ހާދިސާގައި މި ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ހާލު ސީރިއަސްވީ އަހުމަދު ސައީދުގެ އެކަންޏެވެ. އެކްސިޑެންޓް ހިނގި އިރު އަހުމަދު ސައީދު އިނީ ކާރުގެ ފަހަތުގައެވެ.
އެކްސިޑެންވުމާއެކު އޭނާގެ ބޮލާއި ކަރަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
އަހުމަދު ސައީދަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ، ކޯމާއަކަށް ދިޔައެވެ. އެނގިފައިވާ ގޮތުގައި އަހުމަދު ސައީދު މަރުވި އިރުވެސް އޮތީ ކޯމާގައެވެ.