އިބްރާހިމް ޒަކީ
ގާނޫނަށް އަމަލުކުރާތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީ އިރުވެސް، ސިއްހީ ހިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަަވަރު ކުރުމަށް ކަނޑައަޅަންޖެހޭ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ.
އުޝާމް ވިދާޅުވީ، އެހާ ގިނަ އަހަރުތަކެއް ވީއިރުވެސް އެ މަގާމަށް މީހަކު އައްޔަންކޮށްފައި ނެތުމަކީ، ސަރުކާރުތަކުގެ ބޮޑު އިހުމާލެއް ކަމަށާއި މި މައްސަލަ ބަލައިދިނުމަށް މިކަމާ ގުޅުން ހުރި މަޖިލީހުގެ ކޮމިޓީގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އުޝާމް އެ މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
މެންބަރު އުޝާމް މި މައްސަލަ ހުށަހަޅުއްވާފައި މިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އިހުމާލުން މީގެ ދުވަސްކޮޅެއް ކުރިން، މަރުވި ކަމަށް ތުހުމަތު ކުރެވޭ ތުއްތު ކުއްޖާއަށް ފަރުވާދިނުން ލަސްވި ކަމަށް، އެ ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން ފަހުން އެއްބަސްވި ކަމަށް އާއިލާ އިން ބުނެފައި ވަނިކޮށެވެ.
ގާނޫނު ނަންބަރު 29/2015 ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަން، މި ގާނޫނުގެ ދަށުން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިންގަނީ ގާނޫނާއި ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާއި، އިޖުރާއާތުތަކާ އެއްގޮތަށްތޯ ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް "ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސް" ގެ ނަމުގައި މަގާމެއް އުފައްދައި، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެ ކަމަށެވެ.
ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސްގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި 25 ވަނަ މާއްދާގައި ބުނެފައިވަނީ، ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި، ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމާއި، ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، އަމަލުކުރެވެމުން އަންނަ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކޮށް އިސްލާހު ކުރުމެވެ.
މީގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަނީ ގަވައިދާ އެއްގޮތަށްތޯ ބެލުމާއި، އެފަދަ ތަންތަނުގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަނަށް އިންސްޕެކްޓަރުން ފޮނުވައި، އެތަންތަން ބަލައި ފާސްކޮށް، އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކުރަން އެންގުންވެސް ހިމެނެއެވެ.
ކޮމިޝަނަރު އަންގާ އެންގުންތަކަށް އަމަލުނުކޮށްފިނަމަ، ފިޔަވަޅު އެޅުމާއި، ތަންތަނުންދޭ ސިއްހީ ހިދުމަތާ ގުޅޭގޮތުން އެކި ފަރާތްތަކުން ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހުގީގު ކުރުންވެސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެެއެވެ.
މީގެ އިތުރުން ސިއްހި ހިދުމަތްދޭ ތަނަކުން މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ، ނުވަތަ އެއިން ފަރާތެއްގެ އިހުމާލުން ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ކޮމިޝަނަރަށް ލިބިއްޖެނަމަ އެކަން ބަލައި ތަހުގީގުކުރުން ވެސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.