ކޮވިޑް 19 އާ ގުޅިގެން ބޭންކުގެ މުވައްޒަފުން ގޭގައި މަސައްކަތްކުރަމުން ދިޔަ ނަމަަވެސް، އެ މުވައްޒަފަކު އޮފީހުގައި މަސައްކަތްކުރާ ސިސްޓަމްގައި ހުންނަ ސެކިއުރިޓީ ލެވެލް ގޭގައި މަސައްކަތްކުރާއިރު ބޭނުންކުރާ ސިސްޓަމްގައި ވެސް ގާއިމްކުރެވިފައި ހުންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާތީ، ބީއެމްއެލްގެ ގޮފިތައް ވަނީ ބަންދުކޮށްފައެވެ. ބޭންކުން ކުރިން ދެމުންދިޔަ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން އަންނައިރު ބޭންކުގެ މުވައްޒަފުން ވެސް މަސައްކަތް ކުރަމުން އަންނަނީ ގޭގައި ތިބެގެންނެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން "ވޯކިން ފްރޮމް ހޯމް - އެމްބްރޭސިން ޓެކްނޮލަޖީ" ނަމުގައި ކުރިިއަށް ގެންދިޔަ ވެބިނާރުގައި މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، މުހައްމަދު ސައީދު ވިދާޅުވީ، އެ ބޭންކުގައި 950 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ގޭގައި ތިބެގެން އޮންލައިންކޮށް ކަމަށެވެ.
ނަމަވެސް ބޭންކިން ހިދުމަތްތަކަކީ އެ ހިދުމަތެއް ފޯރުކޮށްދިނުމާއި ލިބިގަތުމުގައި ފުރިހަމަ ރައްކާތެރި ހިދުމަތެއްކަން ކަށަވަރުކުރުމަށް ބޭންކުގެ ސިސްޓަމްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.
އެގޮތުން ކޮވިޑުގެ މި ހާލަތުގައި ގޭގައި ތިބެގެން މުވައްޒަފުން ދޭނެ ހިދުމަތްތައް ބަހާލާފައިވާއިރު، ބޭންކުގެ އިންޓާނަލް ސާވާތަކުގެ ތެރެއިން ވަކި ސާވާއެއް ނުވަތަ ވަކި ލިންކުތަކެއް ބޭނުންކުރަން ޖެހޭނީ ކޮންކޮން މުވައްޒަފުންނެއްތޯ ދެނެގަނެވި، އެ ލިންކުތަކަށް އެކްސެސް ދިނުމުގައި ވެސް ވީޕީއެން އަދި ޓޫފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
"ކޮވިޑް 19ގެ ކުރިން މުވައްޒަފަކު އޮފީހުގައި މަސައްކަތްކުރާއިރު އެ މުވައްޒަފެއްގެ ސިސްޓަމްގަ ހުންނަ ސެކިއުރިޓީ ލެވެލް އެ މުވައްޒަފަކު ގޭގައި މަސައްކަތްކުރާއިރު އެ ސިސްޓަމްގައި ވެސް މިވަނީ ގާއިމްކުރެވިފައި. ސައިބަ ސެކިއުރިޓީ ޕޮސްޓާއަކަށް އެއްވެސް ބަދަލެއް ނުއެއް ގެންނަން. މުވައްޒަފުން ގޭގައި މަސައްކަތްކުރާއިރު ބައެއް މުވައްޒަފުން އެމީހުންގެ އަމިއްލަ ސިސްޓަމް ބޭނުންކުރި ކަމުގައިވިޔަސް ރެގިއުލާކޮށް އެ ސިސްޓަމްތައް މޮނީޓާކޮށް، ޕްރޮޓެކްޝަނެއް ބޭނުންވާނަމަ އެ ޕްރޮޓެކްޝަން ވެސް ދާނީ ފޯރުކޮށްދެމުން،" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ކަސްޓަމަރުންނަށް އެންމެ ފުރިހަަމަ ހިދުމަތެއް ދިނުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުން ކަމަށްވާތީ ޓެކްނޮލޮޖީ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި ހާއްސަކޮށް ސައިބާ ސެކިއުރިޓީއާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަމުން އަންނަ ކަމަށެވެ.