ޚަބަރު

އިތުރަށް ލޮކްޑައުންގައި ބާއްވައިފި ނަމަ، ދިވެހިން މަރުވާ އަދަދު އިތުރުވާނެ: ރައީސް ނަޝީދު

އަލީ ޔާމިން

ދެން ރާއްޖެ ފުރަބަންދުގައި ބާއްވާނަމަ ދިވެހީން މަރުވާ އަދަދު އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ދެން ރާއްޖެ ފުރަބަންދުގައި ބާއްވައިފިނަމަ ދިވެހީން މަރުވާ އަދަދު އިތުރުވެ، ދިވެހީންގެ އާންމު ހާލަތުވެސް ދަށްވާނެ ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމާއެކު ކަންކަން ކުރާގޮތުގެ މިސާލު ދައްކަން އެންމެ ރަނގަޅު ބަޔަކީ މަޖިލިސް މެމްބަރުން ކަމަށް ވިދާޅުވިއެވެ.

"ދެން ރާއްޖެ ފުރަބަންދުގައި ބާއްވައިފިނަމަ ދިވެހިން މަރުވާ އަދަދު އިތުރުވެ، އަދި ދިވެހިންގެ އާންމު ހާލަތުވެސް ދަށްވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުރަބަންދު ނިމެންދެން މަޑުކުރެވެން ދަތި ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށާއި އެހެންކަމުން މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނީ މަޖިލިސް ކުރާ ގޭގައި ކަމަށެވެ.

"މަޖިލިސް ޖަލްސާ އޮންނާނީ ވަރަށް ރައްކާތެރިކޮށް. އެއްވެސް ބޭފުޅަކާ އަނެއް ބޭފުޅެއް ދިމައެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން މަޖިލީހުގެ ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ، ކޮވިޑް 19 ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.