ޚަބަރު

ލޮކްޑައުން ނިމެންދެން މަޑުކުރަން ދަތި ވާހަކަ މައިމޫނާއަށް ވާނީ އަންގާފައި: މަޖިލިސް ރައީސް

އައިދާ އަބްދުލް ހަކީމް

މާލޭ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން ހަމަވާން ދެ ދުވަހަށް ވެފައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުބޭއްވި އިތުރަށް މަޑު ކުރެވެން ދަތިކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލި އެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.

ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާދަމާއިން ފެށިގެން އަލުން މަޖިލީހުގެ މާލަމަށް މެންބަރުން އެއްވެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެކަމަށް ހާއްސަ އުސޫލެއްވެސް މިހާރު ވަނީ އާންމު ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ ކަމަށާއި މާދަމާ ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ނޫން ގޮތަކަށް ކުރިއަށްގެންދަން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ޖަލްސާތައް ފަށާއިރު، މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެ އެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށާއި، އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރެވޭނެ ގޮތް ހަމަޖައްސައިފައިވާނެ ކަމަށް މަޖިލީހުން ބުނެއެވެ.

މާލޭ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން ވަކިގޮތެއް އަދި ނުނިންމަ އެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަންކަން ރަނގަޅަށް ކުރިޔަށް ދާނަމް ލޮކްޑައުންގެ މުއްދަތު މިމަހުގެ 28ގައި ހަމަވުމުން ލުއިތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.