މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ޔަންގް ލީޑާސްގެ ފަރާތުން ކުރިއަށްގެންދާ އެނުއަލް އީދު ޕްރޮޖެކްޓުގައި ޗީފް ގައިޑް އަދި ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.
ގައިޑް އެސޯސިއޭޝަންގެ އެނުއަލް އީދު ޕްރޮޖެކްޓަކީ 2000 ވަނަ އަހަރުން ފަށައިގެން ކޮންމެ އަހަރަކު ފިތުރު އީދުގެ މުނާސަބަތުގައި ވަޅު އީދު ދުވަހު އެ އެސޯސިއޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ކ. ގުރައިދުއަށް ކުރާ ދަތުރުގައި އެރަށުގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ އަދި ދުވަސްވީ މީހުންގެ މަރުކަޒަށް އެ އެސޯއިއޭޝަނުން އެހީތެރިކަން ފޯރުކޮށްދެއެވެ.
ކޮވިޑް 19 އާ ގުޅިގެން މި ޕްރޮގްރާމް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
ގައިޑް އެސޯއިއޭޝަނުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނި ގޮތުގައި އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގައިޑް އެސޯއިއޭޝަނުން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ. އަދި ގައިޑް އެސޯސިއޭޝަނުން ދެން މި ޕްރޮގްރާމް ކުރިއަށްގެންދާ އިރު، ގުރައިދުއަށް ކުރާ ދަތުރުގައި ބައިވެރިވަޑައިގަންނަވާނެ ކަމަށް މެޑަމް ފަޒްނާ ވިދާޅުވި ކަމަށް ގައިޑް އެސޯސިއޭޝަނުން ބުނެއެވެ.
އެ އެސޯސިއޭޝަނުން ވަނީ މެޑަމް ފަޒްނާ ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ. އަދި މި ދަނޑިވަޅުގައި އެ އެސޯސިއޭޝަނުން ކުރާ މިފަދަ އެކި މަސައްކަތްތަކުގެ އަޕްޑޭޓް އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.