ޚަބަރު

ބްރޯޑްކޮމްއަށް ދައްކަންޖެހޭ އަހަރީ ފީތައް ދެއްކުމުގެ މުއްދަތު ޖޫން 30 އަށް އިތުރުކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ދޫކޮށްފައިވާ ލައިސެންސްތަކުގެ އަހަރީ ފީގެ ގޮތުގައި އެ ކޮމިޝަނަށް ދައްކަންޖެހޭ ފީތައް ބަލައިގަތުމުގެ މުއްދަތު އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފިއެވެ.

ބްރޯޑްކޮމުން ދޫކޮށްފައިވާ ބްރޯޑްކާސްޓިން އާއި ރީބްރޯޑްކާސްޓިން އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ދެއްކުމުގެ އެންމެފަހު ތާރީހަކީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 31 ވަނަ ދުވަހެވެ.

ނަމަވެސް ކޮވިޑް 19އާ ގުޅިގެން އިއުލާންކޮޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ދުވަސްކޮޅު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދައްކަންޖެހޭ މިއަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލައި ބަލައިގަތުން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މުއްދަތު މިމަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފައިވުމުގެ ސަބަބުން ދައުލަތުގެ އިދާރާތައް އިތުރަށް ބަންދުކުރަން ޖެހިފައިވުމާއެކު، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ މިއަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ، އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށް، އެ ފީތައް ބަލައިގަންނާނީ ޖޫރިމަނާއަކާ ނުލައި ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން އިތުރު ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަން އިއުލާންކުރާނެ ކަމަށް އެ ކޮމިޝަންގެ އިއުލާނުގައިވެއެވެ.