ޚަބަރު

މިވަގުތަކީ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތެއް ނޫން: މިނިސްޓަރު އަލީ ވަހީދު

މަރިޔަމް ޝަހުދާ

މިވަގުތަކީ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތު ނޫން ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އދ ގެ މައި ޖަމިއްޔާ، UNWTO އިން އިންތިޒާމުކޮށްގެން ބޭއްވި ވެބިނާގައި ވާހަކަދައްކަވަމުންނެވެ.

ކޮވިޑް 19ގެ ސަބަބުން ބައިނަލްއަގުވާމީ ފަތުރުވެރިކަމަށް ކުރާ އަސަރާ ގުޅޭގޮތުން ބޭއްވި މި ވެބިނާގައި ވާހަކަދައްކަވަމުން މިވަގުތަކީ ފަތުރުވެރިންނަށް ހެޔޮ ހިތަކައިގެން މަރުހަބާ ކިޔަންވީ ވަގުތުކަމަށް މިނިސްޓަރު ވިދާޅުވިކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވިއިރު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ވަނީ "ސޭފް ޓޫރިޒަމް ގައިޑްލައިނުގައި" ކޮންމެ ފަތުރުވެރިއެއްގެ އަތުން ކޮވިޑް ޓެކްސްގެ ގޮތުގައި ކޮންމެ ދުވަހަކަށް 8 ޑޮލަރު ނެގުމަށް ހިމެނުމަށް ފާސްކޮށްފައެވެ. މި ގައިޑްލައިނަކީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ފޮނުއްވި ގައިޑްލައިނެކެވެ. އަދި މި ގައިޑްލައިނުގައި ފަތުރުވެރިންގެ އަތުން ކޮވިޑް ޓެކްސްގެ ގޮތުގައި ދުވާލަކަށް 8 ޑޮލަރު ނެގުމަށް ހިމެނުމަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.