މަންޒިލުގެ ރައްކާތެރިކަމުގެ އިތުބާރަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބިންގާ ކަމަށާއި ރާއްޖޭގެ ބޯޑަރު ހުޅުވާނީ އެ އިތުބާރާއެކު ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އދ ގެ މައި ޖަމިއްޔާ، UNWTO އިން އިންތިޒާމުކޮށްގެން ބޭއްވި ވެބިނާގައި ވާހަކަދައްކަވަމުންނެވެ.
ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ވެބިނާ ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް 19 ގެ ސަބަބުން ބައިނަލްއަގުވާމީ ފަތުރުވެރިކަމަށް ކުރާ އަސަރާ ގުޅޭގޮތުންނެވެ. އަދި މި ވެބިނާގައި UNWTOގެ މާކެޓް އިންޓެލިޖެންސް އެންޑް ކޮމްޕެޓިޓިވްނެސް ޑިޕާޓްމަންޓުގެ ވެރިން މި ވެބިނާގައި ބައިވެރިވި ކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެގޮތުން މި ވެބިނާގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަގުނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިނިސްޓަރުގެ ވާހަކަފުޅުގައި ކޮވިޑް 19ގެ ސަބަބުން ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމާއި ރާއްޖޭގެ މުޅި އިގުތިސާދު ހުއްޓިފައިވާކަން ފާހަގަކުރެއްވި ކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ރާއްޖެއިން މަސައްކަތް ކުރަނީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އިގުތިސާދީ ހަރަކާތްތައް ފެށުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމަށް ތައްޔާރުވި ނަމަވެސް މުޅި ދުނިޔެވެސް މި ދަނޑިވަޅުގައި ސަމާލުވާންވީ މި ބަލީގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ، ހުރިހާ އެންމެން ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް، އެއާޕޯޓުތައް އަދި ޓުއަރިސްޓު ފެސިލިޓީތަކުގައި ބައިނަލްއަގުވާމީ ގޮތެއްގައި އެއް މިންގަނޑަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ އެފިޔަވަޅުތައް ހަރުދަނާ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު ވަނީ މިވަގުތަކީ ފަތުރުވެރިންނަށް ހެޔޮ ހިތަކައިގެން މަރުހަބާ ކިޔަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ. އަދި މި ވަގުތަކީ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތު ނޫން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.