ޚަބަރު

ރާއްޖެ ނާދެވި ތައިލެންޑުގައި ތިބި 26 ދިވެއްސަކު މިރޭ ރާއްޖެ އަންނާނެ: ފޮރިން މިނިސްޓްރީ

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ސަބަބުން ރާއްޖެ ނާދެވި ތައިލެންޑުގައި ތާށިވެފައި ތިބި 26 ދިވެއްސަކު މިރޭ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި 26 މީހުން ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވަނީ މިއަދު ހެނދުނު ތައިލެންޑަށް ފުރި މޯލްޑިވިއަންގެ ފްލައިޓް އަނބުރާ އަންނަ އިރުއެވެ.

އެގޮތުން މި 26 މީހުން ވެސް ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީނަށް ދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮވިޑް 19ގެ ސަބަބުން އެކި ގައުމުތައް ލޮކްޑައުންގެ ހާލަތަަށް ގެނެސްފައިވާއިރު، އެ ގައުމުތަކުގައި އެތައް ދިވެހިންނެއް ތިބީ ގައުމަށް އާދެވޭނެ ގޮތެއް ނެތި ތާށިވެފައެވެ. ސަރުކާރުން އަންނަނީ މި މީހުން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާ، ޗައިނާ، ބަންގްލަދޭޝް، ލަންކާ އަދި ޔޫކްރެއިން ގައި ތިބި ގިނަ އަދަދެއްގެ ދިވެހިން މިހާތަނަށް ރާއްޖެ ގެނެސްފައި ވެއެވެ.

މި ގޮތުން ގެންނަ އެންމެންވެސް ކަރަންޓީނު ފެސިލިޓީއެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރާން ޖެހެ އެވެ.