ޚަބަރު

ރާއްޖެއާއި ލަންކާގައި ތިބި ތައިލެންޑު ރައްޔިތުންތަކެއް ގޮވައިގެން މޯލްޑިވިއަންގެ އިތުރު ފްލައިޓެއް ފުރައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން އަނބުރާ ގައުމަށް ނުދެވި ރާއްޖެއާއި ސްރީލަންކާގައި ތިބި ތައިލެންޑު ރައްޔިތުންތަކެއް ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް ފުރައިފި ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލޭގައި ތިބި ތައިލެންޑުގެ ރައްޔިތުންތަކެއް ގޮވައިގެން އެ ފްލައިޓް ލަންކާގެ ކޮލަމްބޯއަށް ފުރާފައިވާ ކަމަށެވެ. އަދި ކޮލަމްބޯއިން ތައިލެންޑަށް ފުރާނީ ޖުމްލަ 78 ތައި ރައްޔިތުންނާއެކު ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ރާއްޖޭގައި ހުންނަ ތައި ކޮންސުލޭޓުން މިކަމާ ގުޅިގެން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ފްލައިޓުގައި އަނބުރާ ގައުމަށް ދާނީ މާލޭގައި ތިބި އެގައުމުގެ 15 މީހުންނާއި ކޮލަމްބޯގައި ތިބި އެގައުމުގެ 63 މީހުން ކަމަށެވެ. އަދި މިއީ ތައިލެންޑުގެ ރައްޔިތުން ގޮވައިގެން ރާއްޖެއިން ދަތުރު ކުރާ އެންމެ ފަހު ފްލައިޓު ކަމަށްވެސް ތައި ކޮންސުލޭޓުގެ މި ޓުވީޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ތައިލެންޑުގެ ރައްޔިތުން ގޮވައިގެން މިއަދު ފުރި މޯލްޑިވިއަންގެ ފްލައިޓަކީވެސް ޗާޓާޑް ފްލައިޓެއް ކަމަށް ތައި ކޮންސުލޭޓުން ބުނެއެވެ. މިއީ މިހާތަނަށް އެގައުމުގެ ރައްޔިތުން ގޮވައިގެންދާ މޯލްޑިވިއަންގެ ހަތަރު ވަނަ ފްލައިޓުކަން ފާހަގަ ކުރިއެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި މޯލްޑިވިއަންގެ އެހީތެރިކަމާއެކު ޖުމުލަ 349 ތައިލެންޑު ރައްޔިތުން އަނބުރާ ގައުމަށް ގެންދެވުނުކަން ތައި ކޮންސުލޭޓުން ފާހަގަ ކުރިއެވެ.