ކޮވިޑް 19 އާ ގުޅިގެން ސްކޫލުތައް ބަންދު ކުރުމަށް ނިންމުމުން، އެޑިއުކޭޝަން މިނިސްޓްރީން ޓީވީ މެދުވެރިކޮށް ގެނެސްދޭން ފެށި ޓެލިކިލާސްތައް މިއަދު އަލުން ފަށައިފިއެވެ.
ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރިތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް އެކި ޗެނަލްތައް މެދުވެރިކޮށް ޓީވީ މެދުވެރިކޮށް ދައްކަމުންދިޔައެވެ. ނަމަވެސް މާލެއިން ކޮވިޑް ޖެހިފައި ހުރި މީހަކު ފެނި މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޓެލިކިލާސްތައް ދެއްކުން މެދުކަނޑާލިއެވެ.
ނަމަވެސް މިއަދު ޓެލިކިލާސް މެދުވެރިކޮށް އަލުން ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ. އެގޮތުން މިއަދުގެ ކުލާސްތަކުގެ ޝެޑިއުލް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ޝެޑިއުލްގައިވާ ގޮތުން މިއަދުގެ ހުރިހާ ކުލާސްތަކެއް ވެސް ދައްކާނީ ޔެސް ޓީވީ އަދި ދިވެހި ޗެނަލް މެދުވެރިކޮށެވެ.
އެގޮތުން މިއަދު ގްރޭޑް ހަތެއް އަދި އަށެއްގެ ދަރިވަރުންނަށް އޮތީ އިނގިރޭސި މާއްދާގެ ފިލާވަޅެކެވެ. ގުރޭޑް ނުވައެއް އަދި 12 ގެ ދަރިވަރުންނަށް ބަޔޮލަޖީ މާއްދާގެ ފިލާވަޅެއް ދައްކަން ހަމަޖެހިފައިވާއިރު ގްރޭޑް 10 އަދި 11 ގެ ދަރިވަރުންނަށް މިއަދު ދައްކާނީ އިސްލާމް މާއްދާގެ ފިލާވަޅެކެވެ.
ދެން އޮތީ ގްރޭޑް ފަހެއްގެ ދަރިވަރުންނަށް ހިސާބު ފިލާވަޅަކާއި ގްރޭޑް ތިނެއްގެ ދަރިވަރުންނަށް ގުރުއާން ފިލާވަޅެއް އަދި ފައުންޑޭޝަންގެ ދަރިވަރުންނަށް ދިވެހި ފިލާވަޅެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން މީގެ ކުރިން ވިދާޅުވީ، މިފަހަރު ފަށާ ޓެލިކިލާސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުން ޓީޗަރުން ވެސް ފިލާވަޅުތައް ނަގައިދިނުމުގައި ބައިވެރިވާނެ ކަމަށެވެ. އަދި ޓެލިކިލާހުގެ ފިލާވަޅެއް ނުބެލި ދިޔަޔަސް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ފިލާ ޕޯޓަލް މެދުވެރިކޮށް އެ އެޕިސޯޑެއް ފަހުން ބަލައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.