މާލޭ ސަރަހައްދުގެ ލޮކްޑައުން ނެގުމުން، އާންމު ހާލަތުގައި ރައްޔިތުން އަމަލު ކުރަން ޖެހޭ އުސޫލުތައް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އަށް މިރޭ ފޯނުން ގުޅުއްވައި ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގައި އަމަލު ކުރާނެ ގޮތްތައް އެކުލަވާލައި ނިމިފައިވާ ކަމަށެވެ. އަދި ޑޮކްޓަރުންނާއި ކަމާ ގުޅޭ އިދާރާތަކުގެ ލަފައާއެކު ހެދި މި އުސޫލު ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރާނެ ކަމަށާއި އެކަމަށްޓަކައި މާދަމާ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ ބައްދަލުވުންތަކަށް ފަހު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އުސޫލުތައް އާންމު ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ، އާ އާންމު ހާލަތުގައި އެމްބިއުލާންސްގެ ހިދުމަތް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
"މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ހޮސްޕިޓަލަށް ދާންވެގެން ހޮސްޕިޓަލަށް ދާން ގުޅާލީމަ އެމްބިއުލާންސް ހޯދުމުގެ ދަތިކަން ނުވަތަ ދަތުރުފަތުރުކުރުމުގެ ދަތިކަން އެއީ މިހާރު އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އާ އާންމު އުސޫލުގައި ޑޮކްޓަރަށް ދައްކާ މީހުން އިތުރުވާނެ ކަމަށް އަމީން ލަފާކުރެއްވިއެވެ. އެހެންކަމުން ހޮސްޕިޓަލްތަކާއި ފްލޫ ކްލިނިކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.
މިމަހުގެ 28 ވަނަ ދުވަހަށް މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު ހަމަވާއިރު، އެ މުއްދަތު އިތުރުކުރާނެ ކަން ނުވަތަ ނޫންކަން އަމީން ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކުރައްވައި މިދިޔަ ހަފުތާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިމަހުގެ 28ގެ ފަހުން ސިއްހީ މާހިރުންގެ ލަފާގެ މަތިން ލޮކްޑައުންއަށް ލުއިތަކެއް ދެވޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ރައީސް ނުދެއްވައެވެ.