އަލީ ޔާމިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ހިލާފުވެ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ދައްކާފައިވާ ވާހަކައިގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ފުލުހުން މިރޭ "ވަން" އަށް ބުނީ އެފަދަ މައްސަލައެއް މަޖިލީހުގެ އިދާރާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިމަހުގެ 17 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވީ ރ. އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ.
މީގެ އިތުރުން އޭނާގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވާ ކަމުގައި މީގެ ކުރިން މަޖިލީހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި މިއީ މީގެ ހަތް އަހަރު ކުރިން، 2013 ގައި އާންމުވި ވީޑިއޯއެކެވެ.