ކޮވިޑް 19އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ތަރައްގީ ކުރި މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމައި އެތަން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާ ހަވާލުކޮށްފިއެވެ.
އެ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަން އައިޖީއެމްއެޗާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތުގެ ކުރިއަށްދިޔަ އިރު، ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތުގައި ހަރަކާތްތެރިވި ބައެއް ސިފައިން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެފަރާތްތައް އެކަހެރިކުރުމުން މަސައްކަތަށް އައި ހީނަރުކަން ކަމަށެވެ.
ކޮވިޑަށް ފަރުވާ ދިނުމަށް ސަރުކާރަށް ދޫކޮށްފައިވާ ޓްރީޓޮޕް ކުރިމައްޗަށް އޮންނަ ބިމުގައި ހެދި ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ 300 އެނދުގެ ފެސިލިޓީއެކެވެ. އެތަނުގައި ސާވިސް ބިލްޑިންއަކާއި އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ތިބެވޭނެ އެކޮމަޑޭޝަންް ބުލޮކެއް ވެސް ހުންނާނެއެވެ.
އެތަން ފުރަތަމަ ނިންމަން ކަނޑައެޅީ މިދިޔަ މަހުގެ 15 ވަނަ ދުވަހަށެވެ. ނަމަވެސް އެތަނުގައި މަސައްކަތްކުރާ ބައެއް ސިފައިންނާއި ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވުމުން އެތަނުގެ މަސައްކަތް ހުއްޓުނެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ސިފައިންނާއި ފެނަކައިންނެވެ. އޭގެ އިތުރުން ވެސް ސަރުކާރު އަދި އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވިއެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުން، އެތަން ހެދުމަށް ޖުމްލަ 40 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އެއީ ކޮންސްޓްރަކްޝަން މަސައްކަތަށް 12 މިލިއަން ރުފިޔާ އާއި މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް އިތުރު 28 މިލިއަން ރުފިޔާއެވެ.