ޚަބަރު

އެމެރިކާއިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

އަހުމަދު ޖައިޝަން

ރާއްޖޭގެ ސަލާމަތީ ކަންތައް ވަރުގަދަކޮށް އިތުރަށް ތަރައްގީކުރުމަށް އެމެރިކާއިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ދިނުމަށް ނިންމައިފި އެވެ.

ޔޫއެސް ޑެލިގޭޓުންގެ ތެރެއިން ސެންޓްރަލް އެންޑް ސައުތު އޭޝިއަން އެފެއާސްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓްރީ ޑޭވިޑް ރޭންޒް ވިދާޅުވީ ރާއްޖެއަށް ހަދިޔާކުރާ ފައިސާގެ ބޮޑު ބައެއް ހޭދަކުރާނީ ކަނޑުމަތީގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަށް ކަމަށެވެ.

"ފޮރިން މިލިޓަރީ ފައިނޭންސިންގެ އެހީގެ ތެރެއިން ހަތް މިލިއަން ޑޮލަރަކީ ރާއްޖޭގެ ކަނޑުމަތީގެ ސަރަހައްދުތަކުގެ ސަލާމަތީ ބާރުތައް ވަރުގަދަކޮށް ރާއްޖޭގެ ސަރަހައްދުގެ ކޮންޓްރޯލް ދެމެހެއްޓުމަށް ދޭ އެހީ،" ރޭންޒް ވިދާޅުވިއެވެ.

އެއާއެކު ސަރަހައްދީ ކަނޑުތައް ޕެޓްރޯލްކުރުން ތަރައްގީކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޭންޒް ވިދާޅުވީ ބާކީ ތިން މިލިއަން ޑޮލަރަކީ ރާއްޖޭގެ ސިވިލް ސޮސައިޓީއަށް ބާރު ދިނުމާއި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ދޭ އެހީއެއް ކަމަށެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރޭންޒް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.