އެމްޑީޕީ ތެރޭގައި ޑިކްޓޭޓާޝިޕް އެބައޮތް ކަމަށް އިޝާރާތް ކުރައްވައި، އެޕާޓީގެ ތެރޭގައިވެސް "މައުމޫނިޒަމް" އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަތައް މި ދަނޑިވަޅުގައި އިތުރަށް ފެންމަތިވެ، އޭގެ ތެރެއިން އެމްޑީޕީގެ ބައެއް މެންބަރުން ރޮޒެއިނާއަށް އަމާޒުކޮށް ދެއްކި ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ސޯޝަލް މީޑިއާގައި އިތުރުވެފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަތަކުގެ ތެރެއިން ރޮޒެއިނާއަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި ރޮޒެއިނާއަކީ ރީނދޫ ކުލައަށް ބަދަލުވެގެން ހުރި ޑީއާރުޕީގެ "ބޯވަ"އެއް ކަމަށް ސިފަކޮށް، ޑީއާރުޕީގެ މެންބަރެއްގެ ގޮތުގައި ރޮޒެއިނާ ހުންނެވި އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީއަށް ފާޑުވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުކުރަން ފަށައިފައެވެ.
އެ ކަންތައްތަކަށް ރައްދުދެއްވައި ރޮޒެއިނާ ވިދާޅުވީ، އެމްޑީޕީއަށް ދިޔައީ ޑިމޮކްރަސީއަށް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކީ އެކްސްކްލޫސިވް ކްލަބަކަށް ވަންޏާ ގޭޓުތައް ތަޅުލަންވީ ކަމަށްވެސް ވިދާޅުވިއެވެ.
"ސިޔާސީ ޕާޓީއަކީ އެކްސްކްލޫސިވް ކްލަބަކަށް ވަންޏާ ގޭޓުތައް ތަޅުލާ. އަޅުގަނޑު އައީ ޑިމޮކްރަސީއަށް މަސައްކަތް ކުރުމަށް. ފެންނަ ފެނުމަށް ހީވަނީ، މައުމޫނިޒަމްއަކީ ހަމައެކަނި ރައީސް މައުމޫންގެ އެއްޗެއް ނޫން ހެން. އެމްޑީޕީ ތެރޭގައިވެސް އެކަން އެބައޮތް. ތަފާތީ ހަމައެކަނި ނަން،" ރޮޒެއިނާގެ ރައްދުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޖެހިފައިނުވާނެ ކަމަށާއި، ވައުދާ އެއްގޮތަށް މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭރު ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުން ސިޔާސީ މައިދާނަށް ނުކުންނަވައި، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވުމަށްފަހު، އިސްތިއުފާ ދެއްވައި، އެމްޑީޕީއަށް ރޮޒެއިނާ ސޮއިކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަަހުއެވެ.
މައުމޫނިޒަމަކީ ރައީސް މައުމޫން ވެރިކަން ކުރެއްވީ ޑިކްޓޭޓާޝިޕެއް ހިންގަވައިގެން ކަމަށް ވިދާޅުވެ އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން ރައީސް މައުމޫނުގެ ސިޔާސަތަށް ދީފައިވާ ނަމެކެވެ.
ފަހަކަށް އައިސް އެމްޑީޕީގެ ޕާލަމެޓްރީ ގްރޫޕުގެ ތެރޭގައި އެކި ކަންކަމުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއްް އުފެދި، ވެރިކަން ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މެންބަރުންތަކަކާއި، ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފިކުރުތަކެއް އުފެދިފައިވާ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.