މިއަދު ފާހަގަކުރަމުން އަންނަ ފިތުރު އީދުގެ ތަހުނިޔާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ދިރިއުޅެމުން އަންނަ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ފޮނުއްވައިފިއެވެ.
ފިތުރު އީދުގެ މުނާސަބަތުގައި "ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ އީދުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނަށް އީދުގެ ތަހުނިޔާ ފޮނުއްވަވާ ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ.
މެޑަމް ފަޒްނާ ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އެއްތަނުން އަނެއްތަނަށް ނުދެވި ގޭގައި ބަންދުވެފައި ކުޑަކުދިން ކުޅެލަން ވެސް ބޭރަށް ނުނިކުމެ ތިބޭތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން އެކުދިންނަށާއި ވަކީން ހާއްސަކޮށް ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ދިރިއުޅެމުން އަންނަ ކުދިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ކަމަށް ވިދާޅުވިއެވެ. އަދި އެކުދިން ބެލުމުގައި ކެތްތެރިކަމާއެކު މަސައްކަތްކުރައްވާ މުވައްޒަފުންނަށް ޝުކުރު ދަންނަވައި އެކަމަނާ ވަނީ އީދުގެ ތަހުނިޔާ ފޮނުއްވައިފައެވެ.
ކޮވިޑް 19އާ ގުޅިގެން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ދިރިއުޅެމުން އަންނަ ކުދިން ނުފެންނަތާ ވެސް ވަރަށް ގިނަ ދުވަސް ވެފައިވާކަން ވެސް މެޑަމް ފަޒްނާ ފާހަގަކުރެއްވިއެވެ.