ޚަބަރު

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، ޖާބިރު ހުށަހެޅި ގަރާރު އަނބުރާ ގެންދަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަން އޭނާ ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި އެ ގަރާރުގައި ޖާބިރު ވިދާޅުވެފައިވަނީ، ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރި، ރާއްޖެއަށް މި ބަލިމަޑުކަން އައިސް މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިގުތިސާދު ހީނަރުވެ، ރައްޔިތުން ބިކަ ހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި ރައީސް ޔާމީން ވަގުތުން ޖަލުން މިނިވަންކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި ރައީސް ޔާމީނުގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްޓަކައި މަޝްވަރާކުރެއްވުމަކީ މިވަގުތު ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މެންބަރު ޖާބިރު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން މިނިވަންކުރުމުގެ މައްސަލައަކީ މިހާރުވެސް މަތީކޯޓުތަކުގައި ހިނގަމުންދާ މައްސަލައެއްކަމުން، ރައްޔިތުންގެ މަޖިލީހުގައި އެފަދަ ބަހުސްއެއް ހިންގުމަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެދެވޭ ގޮތްކަމަށް ނުފެންނާތީ އެ ގަރާރު އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް އަވަސްކޮށް އެމަނިކުފާނަށް ވީހާވެސް އަވަހަށް އިންސާފު ހޯދައިދިނުމަށް ސިޓީގައި ޖާބިރު ވަނީ ގޮވާލައިފައެވެ.

ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް އިސްތިއުނާފުކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ އިސްތިއުނާފީ އަޑުއެހުންތައް ފަށައިފައެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އޭގެ ތެރެއިން ބައެއް އަޑުއެހުންތައް ވަނީ ފަސްކުރެވިފައެވެ.