ކޮވިޑް 19 އާ ގުޅުގެން ފުރަބަންދު ވެފައިވާ މިދަނޑިވަޅުގައި އީދު ފާހަގަކުރަމުން އަންނަ އިރު އެންމެ ބޮޑަށް ހަނދާންވާ ކަމަކީ ޖަމާއަތުގައި ކުރެވޭ އީދު ނަމާދާއި މަންމާފުޅުގެ ގެކޮޅުގައި އީދަށް ހާއްސަކޮށްގެން އާއިލާގެ ހުރިހާ ބޭފުޅުން އެކުގައި ބާއްވާ މެންދުރުގެ ފަރިއްކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ އީދަކީ ދުހަކުވެސް ތަޖުރިބާކޮށްފައި ނުވާ ފަދަ ހާލެއް މެދުވެރިވެފައިވަނިކޮށް އައި އީދެއް ކަމަށެވެ.
މީގެ ކުރިން އައި ހުރިހާ އީދެއްގައިވެސް ދުވަސް ފައްޓަވަނީ ކުދިވެރިން ގޮވައިގެން ކުރެވޭ އީދު ނަމާދަށް ދިއުމަށްފަހު، އަނބިކަނބަލުން ފަޒްނާ އަހްމަދުގެ މަންމާފުޅުގެ ގޭގައި އާއިލާ އެންމެން އެކުގައި އޮންނަ ހެނދުނުގެ ކެއުމުންނެވެ. އަދި އެއަށްފަހު މެންދުރު ނަމާދަށްފަހު އެމަނިކުފާނުގެ މަންމާފުޅު ގޭގައި ބާއްވާ މެންދުރުގެ ފަރިއްކޮޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިއަދު އެކަން ބަދަލުވެއްޖެ ކަމަށާއި މި އީދުގައި އެންމެންނާ ބައްދަލުކުރައްވަން ޖެހިވަޑައިގަތީ ޓެކްނޮލޮޖީގެ ޒަރީއާއިންކަން ރައީސް ފާހަގަކުރެއްވިއެވެ.
ކޮވިޑް 19 އާ ގުޅުގެން ހުރިހާ އެންމެން ގޭގައި ތާށިވެފައިވާ މިދަނޑިވަޅުގައި އެމަނިކުފާނު ވިދާޅުވީ މިދަނޑިވަޅުގައި ރައްޔިތުންގެ އިހުސާސާއި ގޭގައި ތާށިވެ ރައްޔިތުން ތަހައްމަލު ކުރަމުންގެންދާ އުނދަގޫ ވަގުތުތައް އިހުސާސް ކުރެވޭ ކަމަށެވެ.
ނަމަވެސް އަދިވެސް މި ބަލިން އަރައިގަތުމަށް ޑޮކްޓަރުންގެ ލަފާއާއި އިރުޝާދުގެ މަތިން އަމަލުކޮށް އެންމެން ވެސް ގޭގައި މަޑުކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ދާދި އަވަހަށް މި ބަލިން އަރައިގަނެ އާންމު ހާލަތަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.