ޚަބަރު

ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާއިރު ވީއައިއޭގައި އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފި

އަލީ ޔާމިން

ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަޅާނެ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މަޝްވަރާކޮށްފިއެވެ.

މިނިސްޓަރު އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމަކާއި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ޓީމެއް އިއްޔެ ވަނީ ވީއައިއޭއަށް ޒިޔާރަތްކޮށް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސްވެރިންނާއި ބައްދަލުކޮށް، ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާއިރު، އެއާޕޯޓުގައި އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަން އެއްކޮށް ހުއްޓުމަކަށް އައިސްފައިވާއިރު، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރިވެރިން ރާއްޖެ ގެނެއުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގައިޑްލައިނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.

ފަތުރުވެރިކަން އަލުން ފެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ގައިޑްލައިން "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލިކޮޕީ ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފައެވެ. އެ ދެލިކޮޕީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25ގެ ނިޔަލަށް އެފަރާތްތަކަށް ހުޅުވާލާފައިވާ ކަމުގައިވެސް މިނިސްޓްރީން ބުނެއެވެ.

"މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ޑްރާފްޓްގައިވާ ގޮތުން އަންނަ މަހު ރިސޯޓުތައް ޗާޓާޑް ފްލައިޓްތަކަށް ހުޅުވައިލާނެއެވެ. ނަމަވެސް ގެސްޓު ހައުސްތައް ހުޅުވާލާނީ އޮގަސްޓު މަހުގެ ތެރޭގައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ފައިނަލް ގައިޑްލައިނެއް އެކުލަވާލާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންނާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާވެސް މަޝްވަރާކުރުމަށް ފަހުކަމަށެވެ. އަދި ވަރަށް އަވަހަށް ފައިނަލް ގައިޑްލައިން އާންމުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.