ޚަބަރު

ކުރިނބީގެ އާންމު މަސްލަހަތު ގެއްލުވައިލުމަށް ފުލުހަކު މަސައްކަތް ކުރިކަމަށް އެރަށު ކައުންސިލުން ބުނެފި

މަރިޔަމް ޝަހުދާ

ހދ. ކުރިނބީގައި އެރަށުގެ އާންމު މަސްލަހަތު ގެއްލުވައިލުމަށް ފުލުހަކު މަސައްކަތް ކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

"ވަން އޮންލައިން" އަށް މައުލޫމަތު ދެއްވަމުން އެރަށު ކައުންސިލުން ބުނީ މިފަދަ މައްސަލައެއް ކައުންސިލަށް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަން މިހާރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ކުރިނބީ ކައުންސިލުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. މި ބަޔާނުގައި ރަށުގެ މަސްލަހަތު ގެއްލުވައިލުމަށް ފުލުހަކު މަސައްކަތް ކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އެގޮތުން ކުރިނބީ ކައުންސިލުން ކޮވިޑް 19 އާއި ގުޅިގެން އަޅަފައިވާ ފިޔަވަޅުތަކަކީ އެއްވެސް ހައިސިއްޔަތެއް ނެތި އަޅާފައިވާ ފިޔަވަޅުތަކެއް ކަމާއި އެ ފިޔަވަޅުތަކާ ހިލާފުވުމުން އެޅޭނެ ފިޔަވަޅެއްވެސް ނެތްކަން ދޭހަވާ އުސޫލުން ރަށުގެ ފުލުހަކު މީސް މީޑިއާގައި އަޑު އުފުލާފައިވާ ކަމަށް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ މި ޕޯސްޓުގެ ސަބަބުން ކޮވިޑް 19 އާއި ގުޅިގެން ރަށުގެ ރައްޔިތުންގެ މެދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހުރަހަކަށް ވެފައިވާ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ. އަދި ފުލުހުންނަކީ އާންމުންގެ މަސްލަހަތު ދަމަހައްޓާ ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ތިބޭ ބަޔަކަށް ވީއިރު، ފުލުހެއްގެ ފަރާތުން މިފަދަ ކަމެއް ފެނުމަކީ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށް އެކައުންސިލުން ބުނެފައި ވެއެވެ.

ކުރިނބީ ކައުންސިލުން ވަނީ މިހާތަނަށް ކައުންސިލުން ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރަށުގެ ރައްޔިތުން ކިޔަމަންތެރިވެ ކައުންސިލަށް އެކަމުގައި އެއްބާރުލުން ދެމުން އަންނަކަމަށް ބުނެފައެވެ.