ރާއްޖޭގެ ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ފިތުރު އީދު ނަމާދުކޮށްފިއެވެ.
ކޮވިޑް 19ގެ ސަބަބުން ރާއްޖޭގައި ލޮކްޑައުން އިއުލާނު ކޮށްފައި ވުމުގެ ސަބަބުން މާލެސިޓީގެ އިތުރުން އިތުރު ހަ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އެހެންކަމުން އެ ރަށްރަށުގައި މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރެވޭގޮތް ވަނީ ނުވެފައެވެ.
މާލެ ސިޓީގެ އިތުރުން، ށ. ނަރުދޫ އަދި ނ. މަނަދޫގައި މިއަދު ފިތުރު އީދު ނަމާދު ޖަމާއަތުގައި ކޮށްފައި ނުވަނީ މިތަންތަން ކޮވިޑް 19 އާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވުމުގެ ސަބަބުންނެވެ.
މީގެ އިތުރުން ކ.ހިންމަފުށި، ކ.ތުލުސްދޫ، ހއ.ތަކަންދޫ އަދި ށ.މިލަންދޫގައި އީދު ނަމާދު ޖަމާއަތުގައި ނުކުރުމަށް ނިންމާފައިވަނީ މޮނީޓަރިންގެ ހާލަތު އުވާލި ފަހުން 14 ދުވަސް ފުރިހަމަ ނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.