ޚަބަރު

ގޭގައި ކަރަންޓީން ކުރުމުގެ އުސޫލު އާންމުކޮށްފި

އަލީ ޔާމިން

ކޮވިޑް 19ގެ ސަބަބުން ގޭގައި ކަރަންޓީީނު ކުރަން ޖެހިއްޖެނަމަ އަމަލު ކުރާނެ އުސޫލެއް އެކުލަވާލައި އާންމުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމުކޮށްފައިވާ އުސޫލުގައި ގޭގައި ކަރަންޓީނު ކުރާނެ މީހުންނާއި ކަރަންޓީނު ކުރާ ގޭގައި ހުންނަން ވީ ޝަރުތުތަކާއި ކަރަންޓީން ކުރެވޭ އަދި ގޭގައި އުޅޭ އެނޫން މީހުންގެ އަމިއްލަ ސާފުތާހިރުކަން ބަހައްޓަންޖެހޭ ގޮތް ވަނީ ބަޔާން ކޮށްފައެވެ. ކަރަންޓީނު ކުރެވޭ ގޭގައި އާއްމު ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައްތަކާއި ކަރަންޓީނު ކުރާ މީހާ އަދި ގޭގައި ދިރިއުޅޭ އެހެން މީހުންގެ ޒިންމާތަކާއި ކަރަންޓީނުގައި ހުންނަ މީހާ ސިއްހީ ގޮތުން ބަލަންވީ ކަންތައްތައްވެސް ހިމަނާފައި ވެއެވެ.

އައިސީޕީއާއި ރަށްރަށުގެ ސޯޝަލް ސަޕޯޓް ޑެސްކް އަދި މެންޓަލް ހެލްތު ކްލަސްޓާއާއި ރަށްރަށުގެ ސޯޝަލް ރެސްޕޮންސް ގެ ޒިންމާތައްވެސް މިރޭ އާންމުކުރި އުސޫލުގައި ވެއެވެ.

އެޗްޕީއޭއިން ބުނީ، ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖައްސާފައި ވަނީ 14 ދުވަހަށް ކަމަށެވެ. އެ މުއްދަތު ހަމަވުމުން ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އުމުރުން 60 އަހަރުން މަތީގެ މީހެއް ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާ މީހެއް ގޭގައި ކަރަންޓީނު ކުރެވޭނީ، އޭނާގެ އެހީތެރިޔަކު ހުރިނަމައެވެ. އަދި އެހީތެރިޔާ އަކީ އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހެއް ނުވަތަ ކަރަންޓީނުކުރެވިފައި ހުރި މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކަރަންޓީނުކޮށްފައިވާ ގެޔަކަށް އެހެން މީހުން ޒިޔާރަތް ކޮށްގެން ނުވާނެ ކަމަށާއި ކަރަންޓީނު ކޮށްފައިވާ މީހާ ނުވަތަ މީހުން ކަރަންޓީނު ކުރެވޭ މުއްދަތުގައި ގެއިން ބޭރަށްވެސް ގޮސްގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ. ކަރަންޓީން ކޮށްފައިވާ މީހާއާއި މުއާމަލާތްކުރުމަށް ޓެލެފޯނު ނުވަތަ މޯބައިލް ފޯނުފަދަ މުއާސަލާތީ ވަސީލަތްތައް ލިބެން ހުންނާނެއެވެ.

ގޭގައި ކަރަންޓީީނު ކުރުމުގެ އުސޫލެއް އާންމުކޮށްފައި މިވަނީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެއްޖެނަމަ ގޭގައި ކަރަންޓީން ކުރަން ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވަނިކޮށެވެ. އެޗްޕީއޭއިން ބުނީ، ގޭގައި ކަރަންޓީން ކުރާނީ ބަލީގެ އަލާމާތްތައް ނެތް މީހުން ކަމަށެވެ.