ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަދުގެ ނިޔަލަށް ބަންގުލަދޭޝްއަށް ނިސްބަތްވާ 1000 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގަޔާއި، ރާއްޖެއަށް އަންނަ ބަންގުލަދޭޝްގެ އަސްކަރީ އަދި ގައުމީ އެއާލައިންގެ މަތިންދާބޯޓުތަކުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވަމުން އަންނަ އިރު، ކުރިއަށްއޮތް ތަނުގައިވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މިހާތަނަށް 1190 މީހުން ވަނީ މިއަދާ ހަމައަށް ފުރުވާލައިފައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ރާއްޖޭގައި ހުންނަ ބަންގުލަދޭޝްގެ ހައިކޮމިޝަނާއި އެގައުމުގެ ސަރުކާރު ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދާ މިމަސައްކަތަށް ބަންގުލަދޭޝްގެ ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން އެގައުމުގެ ފޮރިން މިނިސްޓަރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވާފައިވާ ކަމަށެވެ. އަދި މިހާތަނަށް ފޮނުވާލެވުނު 1190 މީހުން ފޮނުވާލުމުގައިވެސް ބަންގުލަދޭޝްގެ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކަންތަކުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެ މިނިސްޓްރީގެ މުވައްޒަފުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވަނީ މިއަދު ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ ސަރުކާރާއި، އެގައުމުގެ ފޮރިން މިނިސްޓްރީން ދެމުންގެންދާ އެހީތެރިކަމަށް ވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ކޮވިޑް 19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބިދޭސީންގެ ތެރެއިން ހާލުގައި އުޅޭ މީހުން އަނބުރާ ގައުމަށް ފޮނުވާލުމާއި ގިނަ މީހުން އެއްތަނެއްގައި ދިރިއުޅޭ ނަމަ، ވަގުތީ ފެސިލިޓީތަކަށް ގެންދިއުން ހިމެނެއެވެ.