އަންނަ އަހަރު ދިރާސީ އާ އަހަރު، އަހަރުގެ މެދުތެރެއިން ފެށުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިިމްތިހާނުތައް 2021 ވަނަ އަހަރު މޭ/ ޖޫންގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
"މިބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސްތަކެއްނުވެ އިއުލާނުކުރެވޭނެ ވާހަކަ ދެންނެވީމެވެ،" އެޑިއުކޭޝަނުން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ، ސާނަވީ ނިންމާ އިިމްތިހާނުތައް އަންނަ އަހަރުގެ މެދުތެރެއަށް ނިންމާފައިވާތީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައް ވެސް މިއަހަރު ނޯންނާނެ ކަމަށެވެ.
އެހެންކަމުން މިހާރު ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި އަރަބިއްޔާ ސްކޫލުގައި މިއަހަރު ޝަހާދާސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރުގެ މޭ/ޖޫން އިމްތިހާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށް ބަޔާނުގައިވެއެވެ.