ކޮވިޑް 19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވެ އެއްބާރުލުން ދިނުމަށް ޗައިނާއިން ޝައުގުވެރިވާކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖާން ލިޖޯންއާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޝްވަރާތަކަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.
ޝާހިދުގެ ޓުވީޓުގައި ވިދާޅުވީ، މިއަދުގެ މަޝްވަރާތަކުގައި ދެގައުމުގެ ޝައުގުވެރިކަން ހުރި ގިނަ މައްސަލަތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ކޮވިޑުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަށް ޗައިނާއިން ޝައުގުވެރިވާކަމުގެ ޔަގީންކަން ސަފީރު އަރުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ޗައިނާ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރާއި ކުރިއަށް އޮއްތަނުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި ހާލަތުގައި، ދެގައުމުގެ ދެމެދު އޮތް އެކުވެރިކަން އިތުރަށް ވަރުގަދަވެ، އިތުބާރާއި އެއްބާރުލުން އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.