މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ޔަންގް ލީޑަރުންނާއި، ލީޑަރުންނަށް އަމާޒުކޮށްގެން އެ އެސޯސިއޭޝަނުން ހާއްސަ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
އެ ޕްރޮގްރާމްތަކަކީ ކޮވިޑް 19އާ ގުޅިގެން ދުނިޔެއަށާއި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ހާލަތުގައި ނަފްސާނީގޮތުން ދިމާވާ ދަތިތަކުން އަރައިގަނެ އުފާވެރި މާހައުލެއް މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ޔަންގް ލީޑަރުންނާއި، ލީޑަރުންނަށް ހޯދައިދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.
އެގޮތުން ކުރިއަށް ގެންދާ އަދި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމްތައް ތިރީގައި އެވަނީއެވެ.
މިއީ ރޯދަ މަހާއި ޝައްވާލް މަހުގެ 6 ރޯދައަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ޔަންގް ލީޑަރުންގެ ވައިބާ ގްރޫޕްގައި އެދުވަހަކު ގޭގައި ކައްކާފައިވާ ކާއެއްޗެއްގެ ފޮޓޯ، ރެސިޕީއާއެކު ޕޯސްޓްކުރުމުން އެންމެ ތަފާތު ގޮތެއްގައި ހުށަހަޅާދީފައިވާ އެންމެ މަގުބޫލު ރެސިޕީތައް ޔަންގް ލީޑަރުންގް ސޯޝަލް މީޑީއާ މަންސަތަކުގައި ހިއްސާކުރަމުންދާނެއެވެ. ކާއެއްޗެހި ތައްޔާރުކުރުމުގައި އިސްރާފުކުރުމެއް ނެތި ވީހާވެސް ހަރަދުކުޑަކޮށް ތައްޔާރުކޮށްފައި ހުންނަ ކާއެއްޗެއްސަށް އިސްކަން ދެވޭނެއެވެ.
ލެންސް ކްއީންސް
މިޕްރޮގްރާމަކީ 18 އޭޕްރީލް 2020 އިން ފެށިގެން ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ކޮންމެ ހަފްތާއަކު ދެ މައުލޫއަކަށް ޔަންގް ލީޑަރުންނާއި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ލީޑަރުން ހުށަހަޅާ ފޮޓޯތައް ޔަންގް ލީޑަރުންގެ ފޭސްބުކް ޕޭޖްގައި ހިއްސާކުރެވޭނެއެވެ. ހިއްސާކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ލައިކް އަދި ޝެއާ ލިބޭ ފޮޓޯ ނަގާފައިވާ ލީޑަރަކީ އެމައުޟޫއަކުން އެންމެ މޮޅު ލީޑަރު ކަމުގައި ކަނޑައެޅޭނެއެވެ. އެގޮތުން "ލެންސް ކުއީން"ގެ ގޮތުގައި ހޮވޭނީ މުޅި މުބާރާތުން އެންމެ ގިނަ ލައިކް އަދި ޝެއާ ލިބިފައިވާ ލީޑަރެވެ.
ކޭންތެކެ؟
މިޕްރޮގްރާމަކީ ރޯދަ މަހާއި ސައްވާލު މަހުގެ 6 ރޯދައަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ކޮންމެ ދުވަހެއްގައި ޔަންގް ލީޑަރުންގެ ވައިބާ ގްރޫޕްގައި ހިއްސާކުރާ ފޮޓޯގައި ވަނީ ކޮންއެއްޗެއްކަން ނުވަތަ ކާކުކަން ދިމާކުރަން ޖެހެއެވެ. މިގޮތުން ރޯދަ މަސް އަދި ސައްވާލުމަހުގެ 6 ރޯދަ ނިމޭ އިރު އެންމެ ގިނައިން ރަނގަޅު ޖަވާބު ދޭ ލީޑަރު މިމުބާރާތުން މޮޅުވާނެއެވެ.
"ނޫރުން އަލާ ނޫރް" ޗެލެންޖް
މިއީ ހާއްސަކޮށް މާލެ ބްރާންޗްގެ ޔަންގް ލީޑަރުންނަށް އަމާޒުކޮށް ހިންގާ ޗެލެންޖެއް ނަމަވެސް މިޗެލެންޖްގައި އެހެނިހެން ލީޑަރުންނާއި އާންމުންނަށް ވެސް ބައިވެރި ވެވޭނެއެވެ. މިއީ ރޯދަ މަހުގެ ފަހު ދިހައިގައި ލީޑަރުންނާއި އާންމުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުވައި، ދީނީ އެކި އެކި މައުޟޫތަކާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ މަތިވެރި މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މިޗެލެންޖްގެ ދަށުން ކޮންމެ ދުވަހެއްގެ މައުސޫއާ ގުޅޭގޮތުން ފޯރުކޮށްދެވިފައިވާ ލިންކްތަކާއި، ވީޑިއޯތައް އަދި އިތުރު މައުލޫމާތުތައް ކިޔައި، މައުލޫއާ ގުޅޭގޮތުން އިތުރަށް ދިރާސާކުރަން ޖެހެއެވެ. އެއަށްފަހު މައުލޫއާ ގުޅޭ ދާއިރާއިން އަމަލީގޮތުން ކުރުމަށް ހިމަނާފައިވާ ކަންކަން ކުރުމަށްފަހު މިޗެލެންޖުން ދަސްވި އެއްޗެއްގެ މައްޗަށް "ރިފްލެކްޝަން" ތައްޔާރުކުރުމަށްފަހު ޔަންގް ލީޑަރުންގެ ސޯޝަލް މީޑިއާ މަންސަތައް ޓެގްކުރުމަށްފަހު އިތުރު އެކުވެރިންނާއި އާއިލާ މެންބަރުންނަށް މިޗެލެންޖަށް ދައުވަތުދިނުމަށްފަހު ހިއްސާކުރުމުން ޗެލެންޖް ފުރިހަމަވީއެވެ. މިޗެލެންޖްގެ މައުލޫމާތުތައް ކޮންމެ ދުވަހަކުވެސް ޔަންގް ލީޑާރުންގެ ސޯޝަލް މީޑިއާ މަންސަތަކުން ލިބޭނެއެވެ.
މިޗެލެންޖްގެ މައުލޫއަށް ލީޑަރުންނަށް ލިބިފައިވާ މައުލޫމާތު ހިއްސާކުރުން ކޮންމެ ރެޔަކު އޮންނަ ވައިބާ ގްރޫޕް ކޯލްގެ ޒަރީއާއިން ކުރިއަށްގެންގޮސްފައި ވެއެވެ.
"ކުއިލް ވޮރިއާސް"
މިއީ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އުމުރުން 16 އަހަރުން މަތީގެ މެންބަރުންނަށް އަމާޒުކޮށްގެން ހިންގުމަށް ތައްޔާރުކޮށްފައިވާ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މިމުބާރާތުގައި ހިމެނެނީ ކުރު ވާހަކަ ލިޔުމުގެ ބަޔަކާއި ނާވިލު ލިޔުމުގެ ބައެކެވެ. މިމުބާރާތް ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. މިމުބާރާތުގައި ބައިވެރިން ލިޔާ ލިޔުންތަކުގެ ތެރެއިން އެންމެ ރަނގަޅު ލިޔުންތައް ހޮވުމުގައި ބައިވެރިވާ އެޑިޓަރުންނަކީވެސް ޔަންގް ލީޑަރުންގެ ތެރެއިން ހޮވާލެވޭނެ ބައެކެވެ. މިމުބާރާތުން އެންމެ ރަނގަޅު ލިޔުންތަކުގެ ގޮތުގައި ހޮވޭ ލިޔުންތައް، ލިޔުންތެރިޔާގެ ނަމާއެކު އާންމުކޮށް ޝާއިއުކުރުމަށް ވަނީ ނިންމައިފައެވެ.
މިމުބާރާތުގެ މަގުސަދަކީ ފުރަބަންދުގެ ދުވަސްތަކުގައި އަދި އެނޫންވެސް ދުވަސްތަކުގައި ލީޑަރުންގެ ކިބައިގައިވާ ލިޔުންތެރިކަމުގެ ހުނަރު އިތުރުކޮށް، ފައިދާކުރަނިވި ގޮތުގައި ވަގުތުތައް ހޭދަކުރުމަށް މަގުފަހިކޮށްދިނުމެވެ. މި މުބާރާތް އަންނަ މަހުގެ ތެރޭގައި ފެށޭނެއެވެ.
މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ޔަންގް ލީޑާސް މާލޭ ބްރާންޗު ޕަބްލިކް ސެކްރެޓަރީ ސަރާ ދާއޫދު "ވަން"އަށް ވިދާޅުވީ، ކޮވިޑް 19ގެ ހާލަތުން އަރައިގަތުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިވެ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައިވެސް ޔަންގް ލީޑަރުން އަންނަނީ ދަރުމަވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އައްޑޫ، ކާށިދޫ، ނައިފަރު އަދި ހިންނަވަރު ބްރާންޗްގެ ޔަންގް ލީޑަރުންވެސް ދަނީ އެރަށްރަށުގެ ޓާސްކްފޯސްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ކަމުގައި ސަރާ ވިދާޅުވިއެވެ.
ވޯލްޑް އެސޯސިއޭޝަން ފޯ ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސްއަށް ނިސްބަތްވާ މި ޖަމިއްޔާ އުފައްދާފައިވަނީ 1948 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. އަންހެން ކުދިންނާއި އަންހެނުން ކުރިއެރުވުމަށް މަސައްކުރަމުން އަންނަ މި ޖަމިއްޔާގައި 15،000 އަށްވުރެ ގިނަ މެންބަރުން ތިބެއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން މަސައްކަތްކުރަމުން އަންނަ މިޖަމިއްޔާގެ މައިގަނޑު މަސައްކަތަކީ އަންހެން ކުދިންނާއި އަންހެނުން ތަރައްގީކޮށް ބާރުވެރިކުރުވާ އެކުދިންގެ ގާބިލުކަން ދެނެގަތުމަށް މަގުފަހިކޮށްދީ، ހަރުދަނާ ކުދިންގެ ގޮތުގައި މުޖުތަމައަށް ނެރެދިނުމަށް މަސައްކަތްކުރުމެވެ. ދިރިއުޅުމުގެ ހުނަރު ދަސްކުރުމާއި، ކޭމްޕް އަދި ތަފާތު އެކިކަހަލަ ފުރުސަތުތައް ތަނަވަސްކޮށްދީ، ބިނާކުރުވަނިވި ޖީލެއް ގާއިމްކުރުމަށްޓަކައި ގާލްގައިޑް އެސޯސިއޭޝަނުން ކެނޑިނޭޅި މަސައްކަތްކުރާތާ މިއީ 72 ވަނަ އަހަރެވެ. 2019 ވަނަ އަހަރާއި ހަމަޔަށް 250 އަށްވުރެ ގިނަ ކުދިން ޔަންގްލީޑަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައި ވެއެވެ. ޔަންގް ލީޑަރުންގެ ގޮތުގައި ބަލަނީ އުމުރުން 16 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާން އުމުރު ފުރައިގެ ކުދިންނެވެ.